ލިވަޕޫލާއި ޓޮޓެންހަމްގެ މެޗު އަލުން ކުޅުމަށް ކްލޮޕް ގޮވާލައިފި

ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް -- ފޮޓޯ/ ގެޓީ

ރެފްރީންގެ މައްސަލަތައް ފާހަގަވި ލިވަޕޫލާއި ޓޮޓެންހަމްގެ އިނގިރޭސި ޕްރިމިއާ ލީގު މެޗު އަލުން ކުޅުމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ގޮވާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ލީގު މެޗުގައި ލިވަޕޫލުގެ މައްޗަށް ޓޮޓެންހަމުން ވަނީ 2-1ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި ލިވަޕޫލުގެ ލުއިސް ޑިއާޒް ޖެހި ގޯލެއް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމައިފައެވެ.

އެ މެޗަށް ފަހު ރެފްރީގެ އެ ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. ވީޑިއޯ ރީޕްލޭތަކުން ވެސް ސާފުކޮށް ފެންނަ ގޮތުގައި ޑިއާޒް އެ ގޯލު ޖަހާފައިވަނީ އޮންސައިޑް މަގާމެއްގައި ހުރެއެވެ. އޭގެ ފަހުން އެ ހާދިސާގައި ވީއޭއާރު ކޮންޓްރޯލުންނާއި ރެފްރީންނާ ދެމެދު ހިނގި މުއާމަލާތްތަކުގެ އޯޑިއޯ ވެސް ވަނީ އާންމުކޮށްފައެވެ. އެ އޯޑިއޯއިން ރެފްރީންގެ ގޯސް ފާހަގަވެއެވެ.

"ފުޓުބޯޅައިގެ މީހެއްގެ ގޮތުގައި އަހަރެން ދެކެނީ އެ މެޗު އަލުން ކުޅެން ޖެހޭ ކަމަށް. އެ އޯޑިއޯއިން އެއްވެސް ކަމެއް ބަދަލެއް ނުވޭ. މުހިންމީ އެކަން ރަނގަޅު ގޮތުގައި ނިންމުން. ރެފްރީން އެކަން ކުރީ ގަސްތުގައި ނޫންކަން އަހަރެމެން ހަނދާނުގައި ބަހައްޓަން ޖެހޭ،" ޔޫރޮޕާ ލީގުގައި ޔޫނިއަން ސެއިންޓް ގިލޮއިސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ޑެރަން އިންގްލެންޑާއި އެސިސްޓަންޓް ވީއޭއާރް ޑޭން ކުކް ވަނީ ކުރިއަށް ތާވަލުކޮށްފައި އޮތް ބައެއް މެޗުތަކުގައި ބައިވެރިނުކުރާ ގޮތަށް ނިންމައިފައެވެ. ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް (ޕީޖީއެމްއޯއެލް)އިން ރެފްރީންގެ އޯޑިއޯ އާންމުކޮށްފައިވަނީ ލިވަޕޫލަށް އެ އޯޑިއޯ ހިއްސާކުރުމަށް ފަހުއެވެ.

comment ކޮމެންޓް