އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާ ސަފީރު ވަންގް ލިޒިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި މިއަދު މެންދުރު 14:00 ގައެވެ.
މިއީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ބައްދަލުކުރެއްވި ދެވަނަ ޑިޕްލޮމެޓެވެ.
އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ މިއަދު ހެނދުނުއެވެ. މުއިއްޒު މަތީ ތައުލީމް ހާސިލުކުރެއްވީ ވެސް އިނގިރޭސިވިލާތުންނެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާ ސަފީރު ވަންގް ލިޒިންއާ ބައްދަލުކުރެއްވުން-- ސަން ފޮޓޯ
ޗައިނާގެ ސަފީރާ ކުރެއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.
ޗައިނާގެ ސަފީރާއި މިއަދު މުއިއްޒު ބައްދަލުކުރައްވާފައި ވާއިރު، އިންތިޚާބު ކާމިޔާބުކުރުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސުރުޚީގައި މުއިއްޒު ސިފަ ކުރައްވާފައި ވަނީ "ޕްރޯ ޗައިނާ" ނުވަތަ ޗައިނާގެ ބާރު ހިނގާ ބޭފުޅެއްގެ ގޮތުގައެވެ.
ޗައިނާގެ ކެންޑިޑޭޓްގެ ގޮތުގައި މުއިއްޒު ސިފަ ކުރަނީ އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި ދުވަސްވަރު އެ މަނިކުފާނު ބޮޑަށް ބަރޯސާވެފައިވަނީ ޗައިނާއަށް ކަމަށްވާތީއެވެ. ޔާމީން ސަރުކާރުގައި ވަނީ ޗައިނާގެ އެހީތެރިކަމާއެކު މިހާތަނަށް ރާއްޖޭގައި ހިންގާފައި ނުވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަވައިފައެވެ. އެ ބޮޑެތި މަޝްރޫއުތައް ހިންގެވިއިރު އެކަން ކުރައްވަން ވަޒީރެއްގެ ގޮތުގައި ހުންނެވީ މުއިއްޒެވެ.
މުއިއްޒު ވަނީ މި ކަމަށް ރައްދު ދެއްވައިފައެވެ. އެގޮތުން ސަރުކާރު ހިންގަވާނެ ގޮތް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ޤަބޫލުކުރާ ހުރިހާ ޤައުމުތަކާކާ ގުޅުން ބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާ ސަފީރު ވަންގް ލިޒިންއާ ބައްދަލުކުރެއްވުން-- ސަން ފޮޓޯ
މުއިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަހު މިހާތަނަށް މުއިއްޒު ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައިފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި، ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު 54 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، 126،499 ވޯޓެވެ.
އިންތިޚާބީ ރައީސް އަދި ނައިބު ރައީސް ހުވާކުރުމުގެ ޖަލްސާ އަންނަ މަހުގެ 17 ވާ ހުކުރު ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ މަސައްކަތްކުރަމުންނެވެ.