މިއަދާ ހަމައަށް އައިއިރު ސިޓީ ކައުންސިލަށް ހުއްދަ ނުލިބިގެން ނުނިމި ހުރި ބޮޑެތި މަސައްކަތްތައް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ހުއްދަ ލިބިގެންދާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި ބޭއްވި އެންމެ ފަހު ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ކައުންސިލް ހިންގުމުގައި ވަރަށް ބޮޑެތި ދަދިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ބޮޑެތި ކަންކަން ނިންމަން އުޅެއުޅެ ސަރުކާރުން ދޭންޖެހޭ ހުއްދަ ނުދިނުމުގެ ސަބަބުން ނުނިމި ދިޔަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ލޭންޑް ޔޫސް ޕްލޭން ފާހެއް ނުވި. ކުންފުނި ރަޖިސްޓްރީއެއް ނުކޮށްދެއްވާ. އެކަހަލަ ބައިވަރު ކަންތައްތައް. ޕާކިން ބިލްޑިންތައް އަޅަން އުޅެ އުޅެ އެކަމަށް ހުއްދައެއް ނުދެއްވާ. މަގު ހެދުމުގެ މަޝްރޫއު ގެންދިޔައީ،" މުއިއްޒު ވިދާޅުވިއެވެ.
"އެކަން ދިވާމެފަ ހުރީ ރާއްޖޭގެ ގިނަ ކައުންސިލްތަކަށް. ސިޔާސީ ފިކުރުގަ ދިމާ ނުވާ ކައުންސިލްތަކަށް،"
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އެންމެ ބޮޑަށް ވިސްނި އެއް ކަމަކީ އެލްޖީއޭ ބާރުކުރެވޭނެ ނިޒާމަކާ މެދު ކަމަށެވެ. އެގޮތުން އެ ކަމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވައި ދުވަހުން ދުވަހަށް ކައުންސިލްތަކުން ބޭނުންވާ ކަންތައް ބަލައި ކައުންސިލްތަކަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދެވޭނެ ގޮތް ފަހި ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ދެން އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރަށް ފަހު ފެނިގެންދާނީ މާލެ ސިޓީ ކައުންސިލުން މި ހުއްޓިފަ ހުރި ހުރިހާ ކަމެއް ވެސް އަދި އެހެން ހުރިހާ ކައުންސިލްތަކުން ހުއްދަ ނުލިބިގެން ހުއްޓިފަ ނުހިނގާ ހުރި ކަންކަން ވަރަށް ފަސޭހަކަމާއެކީ ހުއްދަ ލިބިގެން، ސީދާ ރައްޔިތުން އިންތިޚާބުކޮށްފަ ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބިގެންދާ މަންޒަރު،" މުއިއްޒި ވިދާޅުވިއެވެ.
"ހަގީގީ މާނައިގަ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެވިގެންދާނެ،"
މުއިއްޒު ވިދާޅުވީ ކެމްޕެއިންގައި އުޅުއްވިއިރު ވެލެއްވި ވައުދުތަކަކީ އެކަން ކުރުމަށް ހިތުގައި ނިޔަތް ކަނޑައެޅިގެން ވެލެއްވި ވައުދުތަކެއް ކަމަށެވެ. އެ ނޫން ނިޔަތެއްގައި އެއްވެސް ކަމެއް ކޮށްދޭނެ ކަމަށް ބުނެފައި ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނަވާ، މިއަދާ ހަމައަށް އެ ކައުންސިލްގެ މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް މުއިއްޒު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.