ނޮވެމްބަރު 17ގައި ހުވާކުރުމުގެ ކުރިން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ތައްޔާރުވުމުގެ ގޮތުން، ސިޓީ ކައުންސިލްގެ އެންމެހާ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކުރުމަށް ނިންމަވައިފިއެވެ.
ސިޓީ ކައުންސިލްގެ ޒިންމާތައް ނަރީޝަށް ރަސްމީކޮށް ހަވާލުކުރެއްވީ، މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި ބޭއްވި އެންމެ ފަހު ކައުންސިލް ބައްދަލުވުމުގެ ތެރެއިން މިއަދުއެވެ.
ޕީޕީއެމްގެ ނަރީޝްއަކީ މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ވެސް އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ނޮވެމްބަރު 17ގައި ހުވާ ކުރަން ދެން ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމުގައި ހުންނަވާނެ ކަމަށެވެ. ނަމަވެސް ޓްރާސްސިޝަން މުއްދަތުގެ ތެރޭގައި އެކަމަށް ހުރިހާ ވަގުތެއް ހުސްކުރުމަށް ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން މިއަދުން ފެށިގެން ސިޓީ ކައުންސިލް ހިންގުމުގެ ހުރިހާ ޒިންމާތަކެއް ޑެޕިއުޓީ މޭޔަރާ ހަވާލުކުރައްވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.
"ޓްރާސްމިޝަނަށް ފުލް ޓައިމް ދޭން ބޭނުން. އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މުއްދަތުގައި ކޮމެޓީތައް ހިނގާގޮތް، ބަލައި އެހީތެރިކަންދީ އެ މަސައްކަތައް ހުރިހާތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭންކުރަން. އެހެން ނޫންނަމަ ވެރިކަމަށް އައުމަށްފަހު މުޅިން ޕްރިޕެއާ ނުވެދާނެ،" މުއިއްޒު ވިދާޅުވިއެވެ.
އެކަމުގައި އުޅެމުން ސިޓީ ކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރެވިދާނެ ކަމަށާއި މާލެ ސިޓީގެ ރައްޔިތުންނަށް ވެސް އެންމެ އިންސާފުވެރި ގޮތަކަށް ވާނީ އެ ގޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަރީޝް ވަނީ އިންތިޚާބީ ރައީސަށް މަރުހަބާ ދަންނަވައިފައެވެ. އަދި ރައީސްކަމަށް ހުވާ ކުރެއްވުމަށް ފަހު އެމަނިކުފާނު ބައްދަލުކުރައްވާ އެންމެ ފުރަތަމަ ކައުންސިލަކަށް މާލެ ސިޓީ ކައުންސިލް ހައްދަވައިދެއްވުމަށް ނަރީޝް ވަނީ އެދިވަޑައިގެންފައެވެ.
ކައުންސިލް ބައްދަލުވުމުގައި މުއިއްޒު ވަނީ ވެރިކަމަށް އައުމަށްފަހު ވެސް އެ ކައުންސިލާއި ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްގެ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.