ގަޑިއެއްހާ އިރަށް ފަހު މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދަށް ކަރަންޓްދީފި

ސުޓެލްކޯގެ އިންޖީނަށް ދިމާވި މައްސަލަ އެއްގަޑިއިރު ފަހުން ހައްލުކޮށް ކަރަންޓުގެ ހިދުމަތް ދޭންފަށައިފި އެވެ.

ސުޓެލްކޯގެ އިންޖިނިއަރު އިބްރާހިމް ރައޫފު ވިދާޅުވީ މިރޭ 8.50 އެހާކަންހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން ދިމާވީ ސުޓެލްކޯގެ މައި އިންޖީނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށެވެ.

"ކަރަންޓު ކެނޑުނީ މިހާރު އަޅުގަނޑުމެން ބޭނުންކުރާ އެންމެ މައި އެއް ޖަނަރޭޓަރުގެ ތެރެއިން އެކަތި ނިވުމުން. ނިވެންދިމާވީ އެ ޖަނަރޭޓަރުގެ ކޫލިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން،" ރައޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަނަރޭޓަރަށް ދިމާވި އެ މައްސަލައިގެ ސަބަބުން މާލޭގެ ދެބައިކުޅަ އެއްބައިން ކަރަންޓް ކެނޑުނު ކަމަށާއި އެ ވަގުތުން ފެށިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސުޓެލްކޯގެ އިންޖީނިއަރުން ފެށި ކަމަށާއި އޭގެ އެއް ގަޑިއިރު ފަހުން މިހާރު މާލޭގެ ހުރިހާ ހިސާބަކަށް ވެސް ކަރަންޓުގެ ހިދުމަތް ދެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރަކަށް އައިސް މާލެއިން ކަރަންޓް ކެނޑެން މެދުވެރި ވަނީ އިންޖީނުތަކަށް ލޯޑުބޮޑުވުމުން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކުރުމަށް ޓަކައި އާ އިންޖީނު ޓެސްޓް ކުރަމުންގެން އަންނަ ކަމަށެވެ.

"މިހަފްތާގެ ތެރޭގައި އަލަށް ބަހައްޓާ އިންޖީނު ޓެސްޓް ކުރަން ފަށާނެ، އޭރުން މި މައްސަލަތައް ހައްލުވެގެންދާނެ." ރައޫފު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު