ޝަރީފަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފި

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ)

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަވޯޓާ ޝަރީފަށް ހަމަލާ ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުންނެވެ.

މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެ މީހުން 60 ދުވަހު، އަދި 24 އަހަރުގެ އެކަކު 30 ދުވަހު ބަންދުގައި ބޭތިއްބުމަށް ވަނީ އަމަރުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލަމުން ދަނިކޮށް ޝަރީފަށް ހަމަލާދީފައި ވަނީ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައެވެ.

ޝަރީފަށް މިފަދަ ހަމަލާއެއް ދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާ ދީފައެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ ކަންކަމުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް