ބައިނަލްއަގްވާމީ ގިނަ ޔުނިވާސިޓީތަކެއްގެ ބައިވެރިވުމާއެކު އެޑިއު ވެސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް 2023 އެކްސްޕޯ ބާއްވަން ނިންމައިފިއެވެ.
މި އެކްސްޕޯ ބާއްވަން ހަމަޖެހިިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން ރޭގަނޑު 22:00އާ ދެމެދު މީރުމާ އިވެންޓް ހޯލުގައެވެ. މި އެކްސްޕޯއަށް ވަނުމަށް ފޯމު ފުރުމަށްފަހު ހިލޭ ވަދެވޭނެއެވެ.
އެޑިއުވެސްޓުން މައުލޫމާތު ދޭ ގޮތުގައި މި އެކްސްޕޯގައި އޮސްޓްރޭލިއާ، މެލޭޝިއާ، ބަންގްލަދޭޝް، އަދި ސްޕެއިންގެ ޔުނިވާސިޓީތަކުން ހިންގާ މަތީ ތައުލީމް ޕްރޮގްރާމްތަކުގެ މައުލޫމާތު ލިބޭނެއެވެ.
އެ މައުލޫމާތު ހިއްސާކުރާނީ އެ ތަންތަނުގެ އިސް ބޭފުޅުންނެވެ.
އެހެންކަމުން މި އެކްސްޕޯގެ ތެރެއިން އެ ޔުނިވާސިޓީތަކުން ލިބެން ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކަށް އެޕްލައިކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
ހަމައެއާއެކު މަތީ ތައުލީމްގެ ދާއިރާއާއި، ސްޓޫޑެންޓް ވިސާއާއި ކުރިމަގުގައި ވަޒީފާގެ ފުރުސަތުތަކަށް އަންނާނެ ބަދަލާ ގުޅޭގޮތުން ވެސް އެކްސްޕޯގެ ބައިވެރިންނަށް މައުލޫމާތު ލިބޭނެއެވެ.
މި އެކްސްޕޯގައި ބައިވެެރިވަނީ:
- އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ
- ސްޕެއިންގެ ޔޫރޮޕިއަން އޭވިއޭޝަން ސްކޫލް
- މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީއާއި ޔުނިވާސިޓީ އޮފް ސައިބާޖާޔާއާއި
- އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ
- މެލޭޝިއާގެ ސެޖީ ޔުނިވާސިޓީ
- ބަންގްލަދޭޝްގެ އީސްޓް ވެސްޓް މެޑިކަލް ކޮލެޖް
- ބަންގްލަދޭޝްގެ އަޕްޑޭޓް ޑެންޓަލް ކޮލެޖް
މިއީ އެޑިއުވެސްޓުން ހިންގާ މިފަދަ އެންމެ ފުރަތަމަ އެކްސްޕޯއެވެ. އެހެންވެ އެކްސްޕޯއަށް ޒިޔާރާތްކުރާ މީހުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޚާއްސަ ދެ ހަދިޔާ ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކިޔަވާ ކުދިންނަށް ބޭނުން ހިފޭ އަގުހުރި ދެ ހަދިޔާ ދޫކުރާނެކަމަށް އެޑިއުވެސްޓުން ބުންޏެވެ.