އިންތިޚާބުގެ އެންމެހާ އިންތިޒާމްތަކަށް ތައުރީފު ހައްގު: އީޔޫ

އީޔޫގެ އިލެކްޝަންސް އޮބްޒަވޭޝަން ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް-- ސަން ފޮޓޯ/ މުހައްމަދު މާވީ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ އެންމެހާ އިންތިޒާމްތަކަކީ ތައުރީފު ހައްގު އިންތިޒާމްތަކެއް ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޮބްޒާވަރުންގެ ޓީމުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ތައުރީފު ކޮށްފިއެވެ.

އީޔޫގެ އިލެކްޝަންސް އޮބްޒަވޭޝަން ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޓީމުގެ ޗީފް އޮބްޒާވަރު ނާޗޯ ސަންޗެޒް ވިދާޅުވީ، ވޯޓު ލުމަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ހުރިހާ މަރުހަލާއަކުން ފެށިގެން ވޯޓު ލުމާއި ވޯޓު ގުނުމާ ހަމައަށް ވެސް އީސީން ކަންކަން ކޮށްފައި ވަނީ "ޕްރޮފެޝަނަލްކޮށް" ކަމަށެވެ.

"ދެ ބުރު ދެމެދު ދިޔަ 21 ދުވަސްތެރޭ ރީރެޖިސްޓްރޭޝަނާއި ޝަކުވާ ހުށަހެޅުމުގެ ޕްރޮސެސްއާއި އިތުރު އޮފިޝަލުން ހޯދުމުގައި ވެސް އީސީން ވަރަށް ފުރިހަމައަށް އެ ކަންކަން ކޮށްފައި އެބަވޭ،" ސަންޗެޒް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީޔޫގެ އިލެކްޝަންސް އޮބްޒަވޭޝަން ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް-- ސަން ފޮޓޯ/ މުހައްމަދު މާވީ

އީސީން ރިޔާސީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ރާވައިގެން ކޮށްފައި އޮތް ކަން ފާހަގަކުރައްވާ ސަންޗެޒް ވިދާޅުވީ އެއީ އީސީއާ ދޭތެރޭ އޮތް އިތުބާރު ދެމެހެއްޓުނު ކަމެއް ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުންތައް ބާއްވައި އާންމު ރައްޔިތުންނަށް ވެސް ކޮންމެ ޕްރޮސެސްއެއް ވަކިން ހާމަކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހުރިހާ ކަމަކަށް ބަލާފައި އިލެކްޝަންސް ކޮމިޝަނުން އެ ކުރި ބުރަ މަސައްކަތަށް ތައުރީފް ހައްގު،" އޭނާ ވިދާޅުވިއެވެ.

ސަންޗެޒް ވިދާޅުވީ، އީޔޫގެ މުޅި ޓީމަށް ވެސް ފާހަގަވި އެއް ކަމަކީ މުޅި އިންތިޚާބުގައި ވެސް ބާތިލް ވޯޓު ގިނަކަން ކަމަށެވެ.

އީޔޫގެ އިލެކްޝަންސް އޮބްޒަވޭޝަން ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް-- ސަން ފޮޓޯ/ މުހައްމަދު މާވީ

މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޗީފް އޮބްޒާވަރު އޭން މާލްބޮރޯ ވިދާޅުވީ، އީޔޫގެ ޓީމަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ވޯޓުލާ މަރުކަޒުތަކުގައި އަންހެނުންގެ ރޯލު ބޮޑުކަމެވެ. އެގޮތުން އެ ޓީމުން އޮބްޒާވްކުރި ވޯޓު ފޮށިތައް ދޮށުގައި މަސައްކަތްކުރި 70 ޕަސެންޓު މީހުންނަކީ އަންހެނުންކަން އޭނާ ފާހަގަކުރިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އަންހެނުން އެހާ ބޮޑު ރޯލެއް އަދާކުރިއިރު އީޔޫގެ ކަންބޮޑުވުމަކަށް ވީ އީސީ އުފެދިގެން އައި އިރު ވެސް މިހާތަނަށް ބޯޑު މެންބަރެއްގެ ގޮތުގައި އަންހެނަކު އައްޔަންކޮށްފައި ނުވުމެވެ.

އީޔޫގެ އޮބްޒާވަރުންގެ ޓީމުން ބުނީ އިންތިޚާބާ ގުޅޭގޮތުން އެ ޓީމުން ތައްޔާރުކުރާ ފައިނަލް ރިޕޯޓާއެކު އަންނަ އަހަރުގެ ޖެނުއަރީގައި އެނބުރި ރާއްޖެ އަންނާނެ ކަމަށެވެ.

comment ކޮމެންޓް