ސޮނީ ޓެލެވިޒަން ދައްކަމުން އަންނަ ދުވަސްވީ ޑާންސް ރިއަލިޓީ ޝޯވް 'އިންޑިއާސް ބެސްޓް ޑާންސަރ3' ސަމަރުޕަން ލަމާ ކާމިޔާބު ކޮށްފިއެވެ.
ޢުމުރުން 20 އަހަރުގެ ސަމަރުޕަން ލަމާއަށް މި ފަހަރުގެ ސީޒަންގެ ޓައިޓްލްއާއެކު ފައިސާގެ އިނާމެއްގެ ގޮތުގައި 15 ލައްކަ އިންޑިއާ ރުޕީސް ވަނީ ލިބިފައެވެ.
އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ސަމަރުޕަން ބުނެފައި ވަނީ، ޝޯވްގެ އެއްވަނަ ކާމިޔާބުކުރި ބައިވެރިޔާގެ ނަން ގޮވިއިރު އެއްވެސް ގޮތަކަށް އެއީ ސަމަރުޕަންއަށް ވެދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
އެހެންވެ އަމިއްލަ ނަން އަޑު އިވުމުން ވެސް އެކަން އިހުސާސްވެ ގަބޫލުކުރުމަށް އިރުކޮޅެއް ހޭދަވި ކަމަށް ސަމަރުޕަން ވަނީ ބުނެފައެވެ. ސަމަރުޕަން ލިބުނު ކާމިޔާބީގެ އުފާ އެންމެ ބޮޑަށް ފާޅުކުރީ ޢާއިލާއިން ކަމަށާއި ހާއްސަކޮށް މަންމައަށް އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅަކަށް ވިކަމަށް ސަމަރުޕަން ވަނީ ބުނެފައެވެ.
މި ހޯދުނު ކާމިޔާބީ އާއެކު ސަމަރުޕަން ބޭނުން ވަނީ ނެށުމުގެ ހުނަރު އިތުރަށް ދަސްކުރުމަށް އިންޑިއާގެ މުމްބާއީއަށް ދިރިއުޅުން ބަދަލު ކުރުމަށެވެ. އަދި އެކަމުގައި އެންމެ ބޮޑު ހިތްވަރެއް އޭނާއަށް ލިބުނީ ޝޯވްގެ އެއް ފަނޑިޔާރު ހުނަރުވެރި ނެށުންތެރިޔާ ޓެރެންސްގެ ފަރާތުން ކަމަށް ސަމަރުޕަން ބުނެފައިވެއެވެ.
ނެށުމުގެ ހުނަރު ދަސްކޮށްދޭ ސްކޫލަކާ ގުޅުމަށްފަހު ޢުމުރުން ހަގު ޒުވާނާ ބޭނުންވަނީ ބައިނަލް އަޤްވާމީ ފެންވަރުގެ ސްޓޭޖެއްގައި އަމިއްލަ ޤައުމު ރަމްޒުކޮށް ޤައުމު ފަޚުރުވެރިވާނެ ނަތީޖާއެއް ހޯދުމަށް ކަމަށް ސަމަރުޕަން ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
ހަމަ އެއާއެކު ބޮލީވުޑުން ފުރުސަތު ލިބިއްޖެނަމަ އޭގެ ބޭނުން ކުރާނެ ކަމަށާއި އެންމެ މަސައްކަތްކުރާ ހިތްވަނީ އެކްޓަރު ސިދާތު މަލްހޯތްރާއާއެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނޭޕާލުގެ ދަރިކޮޅަށް ނިސްބަތްވާ ސަމަރުޕަން ލާމާ 'އިންޑިއާސް ބެސްޓް ޑާންސަރ3' ކާމިޔާބުކުރީ ފައިނަލްގައި ވާދަކުރި ފަސް ބައިވެރިންގެ މައްޗަށް ކުރި ހޯދާ އާއްމުންގެ ފަރާތުން ލިބުނު އެންމެ ގިނަ ވޯޓު ކާމިޔާބު ކުރުމަށް ފަހުއެވެ.