ޗައިނާގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބާއާ ގުޅުވައި ޕީޕީއެމް/ޕީއެންސީން އެގައުމަށް ތަހުނިޔާ ކިޔައިފިއެވެ.
ޕީޕީއެމްއިން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުވި ސިޓީއެއްގައި ވަނީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑާޝިޕުގެ ދަށުން އެގައުމުން ހޯދަމުންދާ ކާމިޔާބީތަކަށް މަރުހަބާ ކިޔާފައެވެ.
އެ ބަޔާނުގައި ވަނީ، ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމްވީ ފަހުން ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން ފާހަގަކޮށްފައެވެ. އަދި ފާއިތުވި 50 އަހަރުގައި ދެގައުމުގެ ގުޅުން ހަރުދަނާވެ އިތުބާރު ގާއިމްކުރެވިފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، މި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވެސް ކުރެވެންހުރި މަސައްކަތްތައް ކުރާނެކަމަށް އެ ބަޔާނުގައި ވެއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު އެއްވަނަ ދުވަސް ފާހަގަކުރަނީ ޗައިނާގެ ކޮމިއުނިސްޓް ލީޑަރު މާއޯ ޒެޑޮންގް އެ ގައުމަކީ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ'ގެ ގޮތުގައި އިއުލާންކުރި ދުވަހުގެ ގޮތުގައެވެ. މި ކަން އިއުލާންކުރީ 1949 ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހެވެ.
އެ ކަން އިއުލާންކުރުމާ އެކު 1920ގެ އަހަރުތަކުން ފެށިގެން އެ ގައުމުގައި ޗައިނީސް ކޮމިއުނިސްޓް ޕާޓީއާއި ނޭޝަނަލިސްޓް ޕާޓީއާ ދެމެދު ހިނގަމުން އައި ދާޚިލީ ހަނގުރާމަ ނިމުމަކަށް އައެވެ.
ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ އޭޕްރީލް 15، 1972 ގައެވެ. އޭގެ ފަހުން 2013ވަނަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ މިގުޅުން އިތުރަށް ހަރުދަނާ ކޮށްފައެވެ.