ޓޮޓެންހަމް ދެވަނައަށް، ސިޓީއަށް ފުރަތަމަ ނާކާމިޔާބީ

ޓޮޓެންހަމަށް ލީޑު ހޯދައިދިނުމަށްފަހު ރިޗާލިސަންއާއެކު ސޮން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުގެ މައްޗަށް ޓޮޓެންހަމުން ކުރި ހޯދާފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލަށް ދެ ރަތް ކާޑު ދެއްކިއެވެ.

އެ މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން ލިވަޕޫލުގެ ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ލިވަޕޫލުގެ އެންޑީ ރޮބާޓްސަން ފޮނުވާލި ހަމަލާ ވެސް ކީޕަރު ވިކާރިއޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ލިވަޕޫލުގެ ކާޓިސް ޖޯންސްއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ވީއޭއާރުގެ އެހީގައި ރެފްރީ އޭނާއަށް ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލާފައިވަނީ ޓޮޓެންހަމްގެ ޔެވޭސް ބިސޫމާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އޭގެ ދިހަ މިނެޓު ފަހުން ޓޮޓެންހަމުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރިޗާލިސަން ދިން ބޯޅައަކުން ޓޮޓެންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސޮން ހިއުން މިންއެވެ. ލިވަޕޫލުގެ ކީޕަރު އެލިސަން ކުރިއަށް ނުކުމެ ހުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ސޮން ވަނީ ފަސޭހަމަކާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ވާޖިލް ވެން ޑައިކް ދިން ބޯޅައަކުން ލިވަޕޫލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލެންޑްސް ފޯވަޑް ކޯޑީ ގަކްޕޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާއަށް ވަނީ އަނިޔާއެއް ވެސް ވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ގަކްޕޯގެ ބަދަލުގައި ކުޅެން ނުކުތް ލިވަޕޫލުގެ ޕޯޗުގަލް ފޯވަޑް ޑިއޭގޯ ޖޮޓާއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން ލިވަޕޫލުން މެޗުގެ 69 ވަނަ މިނެޓުން ފެށިގެން ކުޅެން ޖެހުނީ ނުވަ ކުޅުންތެރިންނާއެކުއެވެ. ޖޮޓާއަށް އެ ދެ ރީނދޫ ކާޑު ދެއްކީ މިނެޓެއް ތެރޭގައެވެ.

ޓޮޓެންހަމަށް ތިން ޕޮއިންޓް ކަށަވަރުވި ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިވަޕޫލުގެ ޑިފެންޑަރު ޖޯސިޕް މަޓިޕް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި ވުލްވްސް އަތުން ބަލިވެފައެވެ. އެ މެޗުން ސިޓީ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ވުލްވްސްއަށް ލީޑު ލިބިގެންދިޔައީ ސިޓީގެ ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެ ގޯލާއަކު ސިޓީން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ވުލްވްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒް ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އޭގެ އަށް މިނެޓު ފަހުން ހުވާން ހީ ޗޭން ވަނީ ވުލްވްސްއަށް އަނެއްކާވެސް ލީޑު ހޯދައިދީފައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މުހިންމު އެހެން މެޗުތަކަށް ބަލައިލާ އިރު، އާސެނަލް ވަނީ ރަށުން ބޭރުގައި 4-0ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ 2-0ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ.

ސީޒަނުގައި މެޗަކުން ފުރަތަމަ ފަހަރަށް ސިޓީ ބަލިވި ނަމަވެސް، އެޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. ސިޓީއަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައަށް ޖެހިލި ޓޮޓެންހަމާއި ތިންވަނައިގައި އޮތް އާސެނަލަށް، އެއިން ކޮންމެ ޓީމަކަށް ހަތް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. އަދި ހަތަރުވަނައަށް ވެއްޓުނު ލިވަޕޫލަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

comment ކޮމެންޓް