މެސީގެ އަނިޔާ ރަނގަޅުވެ، ފިޓުވުމާ ގާތަށް

އިންޓަ މަޔާމީއަށް ލީޑު ހޯދައިދިނުމަށްފަހު، އާޖެންޓީނާ ތަރި ލިއޮނެލް މެސީ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އިންޓަ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީގެ އަނިޔާ ރަނގަޅުވެ، ފިޓުވުމާ ގާތަށް ގޮސްފައިވާ ކަމަށް އެ ކްލަބުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފިއެވެ.

މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގައި އިއްޔެ ނިއު ޔޯކް ސިޓީ އެފްސީއާ ދެކޮޅަށް ކުޅެ، 1-1ގެ ނަތީޖާއަކުން އިންޓަ މަޔާމީ އެއްވަރުވި މެޗުގައި ވެސް މެސީ ފެނިފައެއް ނުވެއެވެ. މިއީ އަނިޔާއާ ގުޅިގެން އޭނާއަށް ގެއްލުނު ތިންވަނަ މެޗެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މެސީގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ސީޒަންގެ ކުރިއަށްއޮތް މެޗުތަކުގައި ނުކުޅެވުން ގާތެވެ. ނަމަވެސް ކޯޗު މާޓިނޯ ބުނެފައިވާ ގޮތުގައި ކުރިން ބެލެވިފައިވާ ވަރަށްވުރެ އަވަހަށް އަނިޔާ ރަނގަޅުވާނެއެވެ.

"އަހަރެމެން ކޮންމެ މެޗަކަށްފަހު ވެސް މެސީގެ ހާލަތު މިދަނީ ބަލަމުން. ކުރިއަށްއޮތް މެޗުގައި އޭނާއަށް ބެންޗުގައި އިނދެވޭނެތޯ އެނގޭނީ އަދި ފަހުން. މެސީ ތަމްރީނުތައް ހަދަމުންދަނީ ޓީމާ ވަކިން. ނަމަވެސް އޭނާގެ އަނިޔާ ރަނގަޅުވެ، ފިޓުވުމާ ގާތަށް ވަނީ ގޮސްފައި. ވަގުތު ޖެހުމުން އެނގޭނެ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޯޗު މާޓިނޯ ބުންޏެވެ.

އެމްއެލްއެސްގައި އިންޓަ މަޔާމީން އަންނަ ބުދަ ދުވަހު ޗިކާގޯ ފަޔާއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗުގައި ވެސް މެސީ ފެނިދާނެ ކަމަކަށް ނުބެލެވެއެވެ.

comment ކޮމެންޓް