މުއިއްޒުގެ ކާމީޔާބަށް އަދީބުގެ އެމްޓީޑީން މަރުހަބާ ކިޔައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޕާޓީ ކަމަށްވާ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ކިޔައިފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައިވަނީ މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުޅިން އައު ދައުރެއްގެ ފެށުން ކަމަށެވެ.

އެއާއެކު އެ ޕާޓީން ވަނީ ޑިމޮކްރެޓިކް ހަމަތައް ތަންފީީޒުކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ހައިސިއްޔަތުން، އިންސާނީ ހައްގުތައް ކަށަވަރުކޮށްދެއްވައި ކުރިއެރުވުމަށް އިލްތިމާސްކުރައްވައިފައެވެ.

އެއީ ހަމައެކަނި ރާއްޖޭގެ ޑިމޮކްރެޓިކް ސިޔާސީ ފޭރާން ވަރުގަދަ ވާނެ ކަމެއްް ނޫންކަމަށާއި އެއާއެކު މުޖުތަމައުގެ ހުރިހާ ފަރުުދުން ބާކީނުވެ، ޝާމިލުވެގެން ވެސް ދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން އެމްޓީޑީއިން ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރު ކޮށްދެއްވި ކަމަށް ޓަކައި ރައީސް އިބްރާހީމް މުޙައަމަދު ޞާލިހަށް ވެސް ޝުކުރު އަދައިކުރައްވައިފައެވެ.

އެ ޕާޓީން ބުނީ އިންތިޚާބުގެ ދެވަނަ ބުރުގައި ގިނަ ބަޔަކު ވޯޓުލާން ނިކުތުމުން ދފޭހަކޮށްދެނީ ރާއްޖޭގެ ސިޔާސީ މަސްރަހަރު ކުރިއަރަމުން އަންނަ މިންވަރު ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ. އެގޮތުން 586 ވޯޓު ފޮށީގެ ތެރެއިން އެންމެ ފޮއްޓެއް ފިޔަވާ ހުރިހާ ފޮއްޓެއްގެ ނަތީޖާ ލިބިފައިވާ އިރު، 18،000އަށް ވުރެ ގިނަ ވޯޓުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ.

ރައީސަށް 1،07،444 ވޯޓު ލިބިފައިވާއިރު، މުއިއްޒު ވަނީ 1،26،140 ވޯޓު ކާމިޔާބު ކުރައްވާފައެވެ.

comment ކޮމެންޓް