ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވަނީ މި އިންތިޚާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.
"އެކުގައި މަސައްކަތްކުރި އެމްޑީޕީ އާއި އޭޕީގެ މެމްބަރުން އަދި އަޅުގަނޑަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ. އެގޮތުން 586 ވޯޓު ފޮށީގެ ތެރެއިން އެންމެ ފޮއްޓެއް ފިޔަވާ ހުރިހާ ފޮއްޓެއްގެ ނަތީޖާ ލިބިފައިވާ އިރު، 18،000އަށް ވުރެ ގިނަ ވޯޓުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ.
ރައީސަށް 1،07،444 ވޯޓު ލިބިފައިވާއިރު، މުއިއްޒު ވަނީ 1،26،140 ވޯޓު ކާމިޔާބު ކުރައްވާފައެވެ.
ރައީސަށް މެޖޯރިޓީ ލިބުނީ ރާއްޖޭގެ އެންމެ ދެ އަތޮޅަކުންނެވެ. އެއީ އއ. އަތޮޅާއި އައްޑޫ ސިޓީއިންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އެ ބުރުން ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒު 46 ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވިއިރު ރައީސަށް ލިބުނީ 39 ޕަސެންޓް ވޯޓެވެ.