މުޅި ރާއްޖޭން ރައީސަށް ލިބުނީ ދެ އަތޮޅު

ރައީސް ގދ. ފަރެސްމާތޮޑާއަށް ފުރައިވަޑައިގަތުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުޅި ރާއްޖޭން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބުނީ އެންމެ ދެ އަތޮޅުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރައީސަށް މެޖޯރިޓީ ލިބިފައިވަނީ އއ. އަތޮޅާއި އައްޑޫ ސިޓީއިންނެވެ. އއ. އަތޮޅުގެ ޖުމުލަ ވޯޓްގެ 51 ޕަސެންޓް ރައީސް ހޯއްދެވިއިރު ޑރ. މުޙައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 48 ޕަސެންޓް ވޯޓެވެ. އައްޑޫ ސިޓީއިން ރައީސަށް 54 ޕަސެންޓް ލިބިލެއްވިއިރު މުއިއްޒަށް ލިބިލެއްވީ 45 ޕަސެންޓެވެ.

އެ ނޫން ހުރިހާ ސިޓީއަކާއި އަތޮޅެއްގެ މެޖޯރިޓީ ހޯއްދެވީ ޑރ. މުއިއްޒެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޅ. އަތޮޅުގެ މެޖޯރިޓީ ހޯދެއްވިނަމަވެސް މި ފަހަރުގެ އިންތިޚާބުގައި އެ އަތޮޅުގެ މެޖޯރިޓީ ވެސް ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒު 51 ޕަސެންޓް ހޯއްދެވިއިރު ރައީސަށް ލިބިވަޑައިގަތީ 48 ޕަސެންޓެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙް ކާމިޔާބު ކުރެއްވީ މ. އަތޮޅާއި ފ. އަތޮޅު ފިޔަވާ ރާއްޖޭގެ ހުރިހާ ހިސާބެއްގެ މެޖޯރިޓީ ހޯއްދަވައިގެންނެވެ.

comment ކޮމެންޓް