ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް 86 ޕަސެންޓަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް "ސަން"އަށް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވޯޓުލީ މީހުންގެ އަދަދު 86 ޕަސެންޓަށް ވުރެ އިތުރުވާނެ ކަމަށެވެ.
މި ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 282,804އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.
މިމަހުގެ ނުވައެއްގައި ބޭއްވި މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭ މީހުންގެ އަަދަދު 282،395ގައި ހުރި އިރު، ވޯޓުގައި ބައިވެރިވީ 79.85 ޕަސެންޓް މީހުންނެވެ. އެއީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ މަދު ބަޔަކު ވޯޓުލީ ފަހަރެވެ.
މިއަދު ހެނދުނު 8:00ގައި ރާއްޖޭގެ ގިނަ ފޮށިތަކަށް ވޯޓްލާން ފެށުމަށް ފަހު، ފަހެއް ޖެހުމާއެކު ކިޔޫތައް ބަންދުކޮށް، ފޮށިތައް ބަންދުކުރަން ފެށިއެވެ. އަދި މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ.
ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިރު އޭގެ ތެރެއިން ކުރި ހޯއްދެވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.
އެ ބުރުގައި މުއިއްޒު 46 ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވިއިރު، ރައީސަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.