އިޓަލީ ފެޑެރޭޝަނުން މަންޗިނީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަނީ

އިޓަލީ ގައުމީ ޓިމުގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ -- ފޮޓޯ/ ގެޓީ

އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.

އިޓަލީގެ ކޯޗުކަމުގެ މަގާމުގައި ފަސް އަހަރު ދުވަހު ހޭދަކުރުމަށްފަހު، މަންޗިނީ އިސްތިއުފާދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭގެ ދެ ހަފުތާ ފަހުން ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މަންޗިނީ ވަނީ ސައުދީ އަރަބިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައެވެ.

މަންޗިނީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަން އިއުލާންކޮށްފައިވަނީ ފެޑެރަލް ކައުންސިލް ބައްދަލުވުމެއްގައި އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ގެބްރިއެލް ގްރަވިނީއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އެ މަސައްކަތައިގެން ކުރިއަށްދާނެ ކަމަށް ވެސް ގްރަވިނީ ވަނީ ވިދާޅުވެފައެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމާ 2018 ވަނަ އަހަރު ހަވާލުވުމަށްފަހު، މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީއަށް ވަނީ ކާމިޔާބީ އަދި ނާކާމިޔާބީއާ ވެސް ކުރިމަތިވެފައެވެ. އިޓަލީއަށް ޔޫރޯ 2020ގެ ޗެމްޕިއަންކަން ހޯދައިދިން ނަމަވެސް، އޭގެ ދެ އަހަރުފަހުން އޭނާއަށް ވޯލްޑްކަޕް 2022އަށް އެ ޓީމު ކޮލިފައިކޮށްދެވިފައެއް ނުވެއެވެ. އޭނާ އިސްތިއުފާދީފައިވަނީ ޔޫރޯ 2024 ފެށެން ދިހަ މަސް ދުވަހަށް ވެފައިވަނިކޮށެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީއަށް ކާމިޔާބީތަކެއް ހޯދައިދިން މަންޗިނީ ވަނީ އިޓަލީ ގައުމީ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެދީފައެވެ. އެގޮތުން ފަސް އަހަރުގެ ތެރޭގައި އޭނާގެ އިރުޝާދުގެ ދަށުން އިޓަލީ ގައުމީ ޓީމު ކުޅުނު 37 މެޗަކުން މޮޅުވެ، 15 މެޗަކުން ވަނީ އެއްވަރުވެފައެވެ. އަދި ބަލިވެފައިވަނީ ނުވަ މެޗަކުންނެވެ.

މަންޗިނީގެ ބަދަލުގައި އިޓަލީ ގައުމީ ޓީމަށް މިހާރު އިރުޝާދުދެމުންދަނީ ނަޕޯލީއަށް މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދިން ކޯޗު ލޫސިއާނޯ ސްޕަލެޓީއެވެ.

comment ކޮމެންޓް