ޓިކްޓޮކް ވީޑިއޯއެއް ހަދައި، އާންމުކޮށްފައިވާނީ ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެންއަށް ޖޯކު ޖެހުމަށް ނޫން ކަމަށް ނަޕޯލީން ބުނެފިއެވެ.
ނަޕޯލީގެ ޓިކްޓޮކް އެކައުންޓުގައި އާންމުކުރި ވީޑިއޯގައި ހިމެނެނީ ނަޕޯލީން ބޮލޯނިއާއާ ދެކޮޅަށް ކުޅުނު އިޓާލިއަން ސެރީއާ މެޗުގެ 72 ވަނަ މިނެޓުގައި އޮސިމްހެން އަތުން ނާކާމިޔާބުވި ޕެނަލްޓީގެ ވީޑިއޯއެވެ.
އޮސިމްހެން އެ ޕެނަލްޓީ ޖަހަން ގޮސް ހުރި އިރު، އޯޑިއޯއަކަށް ބޭނުންކޮށްފައިވަނީ "ތިމަންނައަށް ޕެނަލްޓީ ޖަހަން ދީ" ގޮވަމުންދިޔަ އަޑެވެ. ފަހުން ނަޕޯލީގެ ޓިކްޓޮކް އެކައުންޓުން އެ ވީޑިއޯ ނަގާފައިވީ ނަމަވެސް، އެކަން އޮސިމްހެންގެ ސަމާލުކަމަށް އައިސް، ކްލަބާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފައެވެ.
އެ މައްސަލައާ ގުޅިގެން ނަޕޯލީން ނެރުނު ބަޔާނެއްގައި ބުނީ އެއީ އެއްވެސް ހާލެއްގައި އޮސިމްހެންއަށް ޖޯކު ޖެހައި، މާޔޫސްކަމެއް ގެނެވުމަށް އާންމުކުރި ވީޑިއޯއެއް ނޫން ކަމަށާއި އޭނާއަކީ އެ ކްލަބުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
"އެއީ އަހަރެމެން އޮސިމްހެންއާ މެދު ހިތްހަމަނުޖެހިގެން ކުރި ކަމެއް ނޫން، އޭނާއަށް ޖޯކު ޖެހުމުގެ ނިޔަތުގައި ކުރި ކަމެއް ވެސް ނޫން. އޮސިމްހެންއަކީ ކްލަބުގެ ވަރަށް މުހިންމު ކުޅުންތެރިއެއް. މިދިޔަ ޓްރާންސްފާގައި އެހެން ކްލަބުތަކުން އޭނާ ހޯދުމަށް ކުރި ބިޑުތައް ގަބޫލުނުކޮށް ދޫކޮށްލުމަކީ ވެސް އެކަމުގެ ހެއްކެއް،" ނަޕޯލީން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޮސިމްހެން ވަނީ އޭނާގެ އިންސްޓަގްރާމުގައި ހުރި ނަޕޯލީގެ ފޮޓޯތައް ވެސް ނަގައިފައެވެ. ކުރިއަށް އޮތް ނަޕޯލީގެ މެޗުތަކުން އޭނާ ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާ ނަޕޯލީން ކާމިޔާބުކުރި އިރު، އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ އޮސިމްހެންއެވެ. މިދިޔަ ސީޒަނުގައި އޮސިމްހެން ދެއްކި މޮޅު ކުޅުމާ ގުޅިގެން ގިނަ ކްލަބުތަކަކުން ދަނީ އޭނާ ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.