ބާސާއަށް 300 މިލިއަން ޔޫރޯއަށްވުރެ ބޮޑު ފައިދާއެއް

ބާސާ އިން ސްޕެނިޝް ލަލީގާގެ ތަށި އުފުލާލަނީ -- ފޮޓޯ/ އޭޕީ

މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ފައިދާގެ ގޮތުގައި 300 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދެއް ލިބިފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.

ބާސާއިން އިއުލާންކުރި އެ ކްލަބުގެ މާލީ ހިސާބުތައް ދައްކާގޮތުގައި ޓެކްސްއަށް ކެނޑުމަށް ފަހު، 304 މިލިއަން ޔޫރޯ (321 މިލިއަން ޑޮލަރު) ފައިދާއެއް ލިބިފައެވެ. އެއީ, އަންދާޒާކުރި ވަރަށްވުރެ ބޮޑު އަދަދެކެވެ. އެއާ އެކު ބާސާގެ ދަރަނި މިހާރު ވަނީ 552 މިލިއަން ޔޫރޯ (583 މިލިއަން ޑޮލަރު)އަށް ކުޑަވެފައެވެ.

ބާސާގެ ވިޔަފާރީގެ އާމްދަނީ 43 ޕަސަންޓް އިތުރުވެފައިވާ އިރު، އާމްދަނީގެ ގޮތުގައި 351 މިލިއަން ޔޫރޯ (371 މިލިއަން ޑޮލަރު) ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޕޮންސަރުންނާއި ބާސާގެ ފިހާރަތަކުން ލިބުނު އާމްދަނީތަކެވެ.

ބާސާގެ ދަރަނީގެ މައްސަލަތައް ބޮޑުވުމުގެ ސަބަބުން މިދިޔަ ސީޒަނުން ފެށިގެން އެ ކްލަބުން ދިޔައީ އެކަމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވިޔަފާރިތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މި ފަހަރުގެ ފައިދާއަކީ ބާސާގެ ތާރީހީ ރެކޯޑެއް ކަމަށް އެ ކްލަބުން ބުނެއެވެ.

ބާސާގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އެ ކްލަބަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓީމު ވަރުގަދަކުރުމަށް އިތުރު ކުޅުންތެރިން ހޯދުމަށް ހުރި ދަތިތަކެވެ. ބާސާ އިން އަދިވެސް ދަނީ އެކަމުގެ އުނދަގޫތަކާ ކުރިމަތިލަމުންނެވެ.

comment ކޮމެންޓް