މީހަކާ ކައިވެނި ނުކޮށް ހުރި ނަމަވެސް ނުވަތަ ދަރިން ނެތް ނަމަވެސް ޒުވާނުންނަށް ބޯހިޔާވަހިކަން 18 އަހަރު ފުރުމާއެކު ލިބޭނެކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޒުވާނުންނާއެކު ބޭއްވެވި ޚާއްސަ އިވެންޓެއްގައި މުއިއްޒު ވިދާޅުވީ ޒުވާނުންނަށް މުހިންމު ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަން ހިމެނޭކަމަށެވެ.
ބޯހިޔާވަހިކަމުގެ ވާހަކަދައްކާއިރު އަބަދުވެސް ބަލަނީ މީހަކާ އިނދެގެން އުޅޭތޯއާއި ދަރިން ތިބި އަަދަދުކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އޭނާ ވަޑައިގަންނަވަނީ އެ ސިޔާސަތު ބަދަލުކޮށްދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ހުށަހަޅަނީ އެންމެ ފުރަތަަމަ 18 އަހަރުވާ ހިސާބުން ވެސް އަދި މީހަކާ ނީނަސް ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމިއްލަ ހައުސިންއެއް ފޯރުކޮށްދިނުމޭ އަޅުގަނޑުމެންގެ ސިޔާސަތަކީ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޯލިވިން ނުވަތަ އެހެން ކުއްޖަކާއެކު އެޕާޓްމަންޓްގައި އުޅޭ އުސޫލުން ވެސް އެޕާޓްމަންޓްތައް ހެޔޮ އަގުގައި ދޫކުރައްވާނެ ކަމަށެވެ.
"ހަމަ އޯލްމޯސްޓް ފްރީއޭ ވެސް ބުނެވިދާނެ ހަމަ. ހަމަ އަމިއްލައަށް އަލަށް ފުރަތަމަ ޖޮބެއް ވެސް ނޯންނާނެ. ޖޮބެއް ނެތަސް އެއްވެސް ކަހަލަ ހަމަ ޒީރޯއިން ފެށޭ ގޮތަށް އޮންނާނީ،" މުއިއްޒު ވިދާޅުވިއެވެ.
އޭރުން މާލޭގައި ޑިއުޓީ ބަހައިގެން ކުދިކުދި ތަންކޮޅުކޮޅުގައި އުޅެން ޖެހިފައިވާ މައްސަލައަށް ހައްލު ލިބޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އާންމު ތަންތަނުގައި ޒުވާނުން ހަރަކާތްތެރިވާއިރު އެ ދަތި ހާލު އެހެން މީހަކަށް ނޭނގުނު ނަމަވެސް ގޭގެއަށް ކުރި ޒިޔާރާތްތަކުގައި އެ ފަދަ އެތައް މަންޒަރެއް ފެނިވަޑައިގަތްކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން އަތް ފޯރާ ފަށުގައި ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ދިރިއުޅުމެއް ފެށުމަށް މަގުފަހިކޮށްދިނުމަކީ ކުރައްވަން ބޭނުންވެލައްވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޒުވާނެއްގެ ހުނަރު ބޭނުންކޮށްގެން އަމިއްލަ ފުދުންތެރިކަމެއް ހޯދޭނެ މަގުފަހިވުމުން ގިނަ ކަންތައްތަކަކަށް ހައްލު ލިބޭނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.