އިނގިރޭސި އެފްއޭއިން ޖޭމްސްގެ މައްސަލަ ބަލަނީ

ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް -- ފޮޓޯ/ ގެޓީ

ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްގެ މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފިއެވެ.

އަމިއްލަ ދަނޑުގައި މިދިޔަ އާދީއްތަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅެ، 1-0ގެ ނަތީޖާއަކުން ޗެލްސީ ބަލިވި މެޗުގައި އަނިޔާގެ ސަބަބުން ޖޭމްސް ފެނިފައެއް ނުވެއެވެ. އިނގިރޭސި އެފްއޭއިން ޖޭމްސްގެ މައްސަލަ ބަލަމުންދަނީ މެޗަށްފަހު ރެފްރީއަކާ ދިމާއަށް އޭނާ ރައްދުކުރި ބަސްތަކެއްގެ ސަބަބުންނެވެ.

އިނގިރޭސި އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެސްޓަން ވިލާ ކުޅުނު މެޗުގައި އެފްއޭގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޭމްސްގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށާއި އޭނާއަށް ތުހުމަތުކުރަނީ ރެފްރީއަކާ ދިމާއަށް އާންމު މިންގަނޑާ ހިލާފު ބަސްތަކެއް ބޭނުންކުރުން ކަމަށެވެ. އަދި ޖަވާބުދާރީވުމަށް ޖޭމްސްއަށް މާދަމާގެ ނިޔަލަށް ފުރުސަތު ދީފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އުމުރުން 23 އަހަރުގެ ޖޭމްސްއަށް އަނިޔާވެފައިވަނީ ޗެލްސީން ކުޅުނު ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައެވެ. ލިވަޕޫލާ ދެކޮޅަށް ކުޅުނު އެ މެޗުގައި ޖޭމްސްގެ ފައިގެ މަސްގަނޑަށް ވަނީ އަނިޔާވެފައެވެ.

މި ސީޒަނަށް ބޮޑު ހަރަދަކާއެކު ނުކުތް ޗެލްސީއަށް މިހާތަނަށް ރަނގަޅު ނަތީތަކެއް ނެރެދެވިފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީ ކުޅުނު ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 14 ވަނައިގައެވެ. މިހާތަނަށް ޗެލްސީއަށް މޮޅެއް ހޯދިފައިވަނީ އެންމެ މެޗަކުންނެވެ.

comment ކޮމެންޓް