ބަންގްލަދޭޝްގައި ޑެންގީގެ ނުރައްކާތެރި ވޭރިއެންޓްތަކެއް ފެތުރި، 900 މަރު

ބަންގްލަދޭޝްގައި ޑެންގީ ފެތުރި، 900އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ/ ރޮއިޓާސް

ބަންގްލަދޭޝްގައި ޑެންގީގެ ނުރައްކާތެރި ވޭރިއެންޓުތަކެއް ފެތުރި، އެ ބަލީގައި މި އަހަރު ތެރޭ މަރުވި މީހުންގެ އަދަދު 900އަށް ވުރެ އިތުރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސެސް (ޑީޖީއެޗްއެސް)އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ޑެންގީ ޖެހިގެން އެ ގައުމުން މި އަހަރު ތެރޭ 909 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު އެ ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 281 މީހުންނެވެ.

ބަންގްލަދޭޝްގެ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ގައުމުގައި މިހާރު ތަޖުރިބާކުރަމުން ދަނީ އެ ގައުމުގެ ތާރީޚުގައި ވެސް ފެތުރޭ އެންމެ ނުރައްކާތެރި ޑެންގީ އައުޓްބްރޭކްއެވެ. އަދި ޑެންގީ ކޭސްތައް އެހާ ބޮޑަށް އިތުރުވެފައިވަނީ، އެ ބަލީގެ މާ ވަރުގަދަ ސްޓްރެއިންއެއް މިހާރު ފެތުރޭތީ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ ރިސާޗް އިންސްޓިޓިއުޓަކުން ހެދި ދިރާސާއިން ދައްކާ ގޮތުގައި އެ ގައުމުގައި މިހާރު ފެތުރޭ ވޭރިއެންޓަކީ، ޑެންގީގެ ވޭރިއެންޓުތަކުގެ ތެރެއިން އިންފެކްޝަނާއި މަރުތައް ގިނަވުމަށް އެންމެ ބޮޑަށް މަގުފަހިކުރާ ދެ ވޭރިއެންޓްއެވެ.

ބަންގްލަދޭޝްގައި ޑެންގީ ފެތުރި، 900އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ/ ރޮއިޓާސް

މި އަހަރު ތެރޭ އެ ގައުމުން 187،725 މީހަކަށް ޑެންގީ ޖެހިފައިވާއިރު، އެ ބަލީގައި ހާލު ދެރަވުމުން މިހާރު ވެސް 10،400އަށް ވިރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ބުނެފައިވާ ގޮތުގައި ޑެންގީ ކޭސްތައް އެ ގައުމުގެ ހުރިހާ ޑިސްޓްރިކްޓަކުން ވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި، ވެރިރަށް ޑާކާގައި ކޭސްތަކުގެ އަދަދު ދަށަށް ދާން ފަށައިފައިވީ ނަމަވެސް ގައުމުގެ އެހެން ސަރަހައްދުތަކުގައި ކޭސްތައް އިތުރުވަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ލަފާކުރާ ގޮތުގައި ދުނިޔޭގައި ޑެންގީ ކޭސްތައް އިތުރުވާ ސަބަބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާހެދި، ވާރޭ ވެހޭ މިންވަރާއި ހޫނުމިން އިތުރުވުން ވެސް ހިމެނެއެވެ. އޭގެ ސަބަބުން، ޑެންގީ ފަތުރާ އީޑީސް މަދިރީގެ އާބާދީ އިތުރުވުމަށް މަގުފަހިވެއެވެ.

ސަތޭކަ ހަތްދިހަ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ބަންގްލަދޭޝްގައި މިހާރު އޮތް ވިއްސާރަ މޫސުން އިތުރު ތިން މަހަށް ދެމިގެންދާނެއެވެ. އެ މުއްދަތުގައި ޑެންގީ ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުންދާނެ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ލަފާކުރައްވާފައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުން، ބޮލުގައި ރިއްސުން، ގައިގައާއި ހުޅުތަކުގައި ރިއްސުން، ހޮޑުލުން، ލޮލަށް ތަދުވުން، ގައިގެ މަސްގަނޑު ދުޅަވުން ހިމެނެއެވެ.

މި ބަލި އިތުރަށް ގޯސްވަނީ ހުން ގަދަވެ، ލޭހޮޅިތައް ހަލާކުވެ، ޕްލޭޓްލެޓް މަދުވުމުންނެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ޝޮކް ޖެހި، އެތެރެހައްޓަށް ލޭ އެޅި، ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ، ފުރާނައަށް ނުރައްކާވާން މެދުވެރިވެދާނެއެވެ.

comment ކޮމެންޓް