އާދިއްތަ ދުވަސް ވެސް ބަންދުކޮށްފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސް އެގޮތަށް ނިންމެވީ، އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާ ދުވަސް ކަމަށް ވުމުން އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ އާއި އިލެކްޝަން ކޮމިޝަން (އީސީ)ން އެކަމަށް އެދިފައިވާތީއެވެ.

މިމަހުގެ ނުވައެއްގައި އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ގުޅުވައިގެން، އެ ދުވަހުގެ ޖެހިގެން އައި ދެ ދުވަސް ވެސް ސަރުކާރުން ބަންދުކުރިއެވެ.

މީގެ އިތުރުން، އިއްޔެއަކީ ކީރިތި ރަސޫލާގެ ޢީދުމީލާދީގެ މުނާސަބާއާ ގުޅިގެން ބަންދު ދުވަހަކަށްވާ އިރު ރައީސް ވަނީ މިއަދަކީ ވެސް ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވާފައެވެ.

އިންތިޚާބާ ދިމާކޮށް ގިނަ ބަންދު ދުވަސްތައް ލިބޭތީ މާލެއިން ގިނަ އަދަދެއްގެ މީހުން ދަނީ ރަށްރަށަށް ފުރަމުންނެވެ.

comment ކޮމެންޓް