''ކުޅުން ރަނގަޅު ނޫން'' ކަމަށް ބުނެ، ގާނާޗޯއަށް ޓެން ހާގްގެ އިންޒާރެއް

މެންޗެސްޓާ ޔުނައިޓެޑުގެ އާޖެންޓީނާ ފޯވަޑް އަލެހަންޑްރޯ ގާނާޗޯ -- ފޮޓޯ/ ގެޓީ

"ކުޅުން ރަނގަޅު ނޫން" ކަމަށް ބުނެ، އާޖެންޓީނާ ފޯވަޑް އަލެހަންޑްރޯ ގާނާޗޯއަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެެރިކް ޓެން ހާގް އިންޒާރެއް ދީފިއެވެ.

އުމުރުން 19 އަހަރުގެ ގާނާޗޯ ވަނީ މި ސީޒަނުގެ މިހާތަނަށް ހަ މެޗެއްގައި ޔުނައިޓެޑަށް ކުޅެފައެވެ. ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ގޯލު ފެނިގެންދިޔައީ ކަރަބައޯ ކަޕްގައި އިއްޔެ ކްރިސްޓަލް ޕެލަސް އަތުން 3-0ގެ ނަތީޖާއަކުން ޔުނައިޓެޑު މޮޅުވި މެޗުގައެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ފުރަތަމަ ދެ މެޗުގެ ފުރަތަމަ 11 އިން ގާނާޗޯ ފެނުނު ނަމަވެސް، އެއަށްފަހު އޭނާ ފެނިގެންދިޔައީ ބެންޗުންނެވެ.

ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ޓެން ހާގް ވަނީ ގާނާޗޯއާ ބެހޭގޮތުން ވާހަކަދައްކައިފައެވެ. އަދި އޭނާ ގަވާއިދުން ފުރަތަމަ 11 އިން ޖާގަ ހޯދަން ބޭނުންވާ ނަމަ، ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށް ޓެން ހާގް ބުންޏެވެ.

"އަހަރެމެން ސީޒަންގެ ކުރީކޮޅު ގާނާޗޯއަށް ފުރަތަމަ 11 އިން ފުރުސަތު ދިނިން. އޭނާއަށް ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވޭ. އެކަމަކު ބައެއް ފަހަރު އޭނާގެ ކުޅުން ރަނގަޅު. ބައެއް ފަހަރު އޭނާ ރަނގަޅު ކުޅުމެއް ނުދައްކާ އިރުވެސް ނުރައްކަލެއްގެ ގޮތުގައި ފެނިގެންދޭ. ޑިފެންސް ކުރުމަށް އޭނާ އަދި ދަސްކުރަން ޖެހޭ. ގާނާޗޯއަކީ ފެންވަރު ރަނގަޅު ކުޅުންތެރިއެއް،" ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް ރަނގަޅު ވަގުތުގައި ޕެނަލްޓީ އޭރިއާ ތެރެއަށް ގާނާޗޯ ވަންނަން ޖެހޭ ކަމަށާއި އޭނާގެ އުމުރަށް ބަލާފައި އެއީ ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށެވެ. އަދި ސަޕޯޓަރުންނާއި ޓީމު ވެސް އޭނާއާއެކު އޮތް ކަމަށް ޔުނައިޓެޑުގެ ކޯޗު ބުންޏެވެ.

ޔުނައިޓެޑަށް ކުރިއަށް އޮތީ ޕްރިމިއާ ލީގުގެ މެޗެކެވެ. އަމިއްލަ ދަނޑުުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ އެ މެޗުގައި ވެސް ޔުނައިޓެޑު ނުކުންނަން ޖެހޭނީ ޕެލަސްއާ ދެކޮޅަށެވެ. ލީގު ތާވަލުގައި ޔުނައިޓެޑު މި ވަގުތު އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

comment ކޮމެންޓް