އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑުތަކެއް މުގުރާލައިފި

ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފެތުންތެރިޔަކު ވާދަކުރަނީ -- ފޮޓޯ/ ނައުޝަމް ވަހީދު، އެމްއޯސީ

ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ސްވިމިން އެތުލީޓުން ގިނަ ގައުމީ ރެކޯޑުތަކެއް މުގުރާލައިފިއެވެ.

އޭޝިއަން ގޭމްސްގައި ވާދަކޮށް، ރާއްޖޭގެ އެތުލީޓުން މުގުރާލާފައިވަނީ އިންޑިވިޖުއަލް އިވެންޓުތަކެއްގެ ރެކޯޑުތަކެއްގެ އިތުރުން ފިރިހެނުންގެ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑެވެ. އިންޑިވިޖުއަލް އިވެންޓުތަކުން ރެކޯޑު މުގުރާލާފައިވަނީ މުބާލް އައްޒާމް އިބްރާހީމާއި މުހައްމަދު ރިހާން ޝިހާމާއި މިރާލް އައިން ލަތީފް އަދި އިމްއާން އަލީއެވެ.

އޭޝިއަން ގޭމްސްގައި ލޯންގްކޯސް ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ރެކޯޑު މުގުރާލާފައިވަނީ ހަތަރު މިނެޓާއި 25.69 ސިކުންތުން ނިންމައިގެންނެވެ. އެ ރެކޯޑު މުގުރާލި ޓީމުގައި ހިމެނެނީ މުހައްމަދު ރިހާން ޝިހާމް، މުބާލް އައްޒާމް އިބްރާހީމް، އިމްއާން އަލީ އަދި އަހުމަދު ނީގް ނިޔާޒެވެ. އެންމެފަހުން އެ ރެކޯޑު އާކޮށްފައިވަނީ ނިމިދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ)ގައި ހަތަރު މިނެޓާއި 29.42 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރާއްޖޭގެ އެތުލީޓު އިމްއާން ވަނީ އޭޝިއަން ގޭމްސްގައި ދެ ފަހަރެއްގެ މަތިން ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައެވެ. ފުރަތަމަ އިވެންޓުގައި އެއް މިނެޓާއި 04.64 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑު އާކުރި އިރު، ދެވަނަ އިވެންޓުގައި ރެކޯޑު އާކޮށްފައިވަނީ އެއް މިނެޓާއި 04.51 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭޝިއަން ގޭމްސްގެ ކުރިން ވެސް އެ ރެކޯޑު އޮތީ އިމްއާންގެ އަތުގައެވެ. އެއީ މިއަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވި 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓާއި 04.98 ހަދާފައިވާ ރެކޯޑެވެ.

މުބާލް ވަނީ ދެ ރެކޯޑެއް އާކޮށްފައެވެ. އެއް ރެކޯޑަކީ ފިރިހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑެވެ. އޭނާ އެ ރެކޯޑު އާކޮށްފައިވަނީ އެއް މިނެޓާއި 14.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މީގެ 17 އަހަރުކުރިން ބޭއްވި ދިހަވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސްގައި ހަސަން އަޝްރަފެވެ. އެއީ އެއް މިނެޓާއި 16.33 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އޭޝިއަން ގޭމްސްގައި ވާދަކޮށް، މުބާލް އާކުރި ދެވަނަ ރެކޯޑަކީ ފިރިހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ ރެކޯޑު އާކޮށްފައިވަނީ ފްރީސްޓައިލް ރިލޭ އިވެންޓުގައި 200 މީޓަރު ލެންތު ދެ މިނެޓާއި 08.22 ސިކުންތުން ފުރިހަމަކޮށްގެންނެވެ. ކުރިން ވެސް އެ ރެކޯޑު އޮތީ މުބާލްގެ އަތުގައެވެ. އޭރު އޭނާ އެ ރެކޯޑު އާކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، ދެ މިނެޓާއި 09.06 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރާއްޖޭގެ ރިހާން ވަނީ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައެވެ. އޭނާ އެ ރެކޯޑު އާކޮށްފައިވަނީ ފަސް މިނެޓާއި 14.03 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. މީގެ ކުރިން ވެސް އެ ރެކޯޑު އޮތީ ރިހާންގެ އަތުގައެވެ. އޭރު އޭނާ އެ ރެކޯޑު އާކޮށްފައިވަނީ މިދިޔަ އަހަރު އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، ފަސް މިނެޓާއި 14.91 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މިރާލް ވަނީ އަންހެނުންގެ 200 މީޓަރު ބަޓާފްލައި އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައެވެ. އޭނާ އެ ރެކޯޑު އާކުރީ ތިން މިނެޓާއި 04.45 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. މީގެ ކުރިން ވެސް އެ ރެކޯޑު އޮތީ މިރާލްގެ އަތުުގައެވެ. އޭރު އޭނާ ރެކޯޑު އާކޮށްފައިވަނީ މިއަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވި 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، ތިން މިނެޓާއި 05.69 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

comment ކޮމެންޓް