އޮސިމްހެން އާއި ނަޕޯލީއާ ދެމެދު މައްސަލަ ހޫނުވެއްޖެ

ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލުކުރުމުން ނަޕޯލީގެ އޮސިމްހެން ނުރުހުން ފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެން އާއި ނަޕޯލީއާ ދެމެދު މައްސަލަތައް އިތުރަށް ހޫނުވެއްޖެއެވެ.

ފުރަތަމަ މައްސަލައަކަށްވީ ނަޕޯލީން ބޮލޯނާއާ ދެކޮޅަށް ކުޅުނު އިޓާލިއަން ސެރީއާ މެޗުގެ 72 ވަނަ މިނެޓުގައި އޮސިމްހެން އަތުން ޕެނަލްޓީއެއް ނާކާމިޔާބުވުމާ ގުޅިގެން އޭގެ އަށް މިނެޓު ފަހުން އޭނާ ބަދަލުކުރުމެވެ. އެކަމާ ގުޅިގެން އޭނާ ވަނީ ދަނޑުން ފައިބަމުން ކޯޗު ރުޑީ ގާސިއާއާ ދެމެދު ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.

އެ މައްސަލަ އިތުރަށް ހޫނުވެގެންދިޔައީ ނަޕޯލީގެ ޓިކްޓޮކް އެކައުންޓުގައި އެ ޕެނަލްޓީގެ ވީޑިއޯ އާންމުކުރުމުންނެވެ. އެހެން ކްލަބުތަކާއި އެ ކްލަބުތަކުގެ ކުޅުންތެރިންނަށް އާންމުކޮށް ޖޯކު ޖެހުމަށް ބޭނުންކުރާ އެ ޓިކްޓޮކް އެކައުންޓުގައި މިފަހަރު ޖޯކެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ އަމިއްލަ ކްލަބަކަށް ކުޅޭ އޮސިމްހެންގެ ޕެނަލްޓީއެވެ. އޭނާ އެ ޕެނަލްޓީ ޖަހަން ގޮސް ހުރި އިރު، އޯޑިއޯއަކަށް ބޭނުންކޮށްފައިވަނީ "ތިމަންނައަށް ޕެނަލްޓީ ޖަހަން ދީ" ގޮވަމުންދިޔަ އަޑެވެ.

ނަޕޯލީން އާންމުކުރި އެ ވީޑިއޯ މިހާރު ނަގާފައިވީ ނަމަވެސް، އެކަން ވަނީ އޮސިމްހެންގެ ސަމާލުކަމަށް އައިސްފައެވެ. އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިހާރު އޮސިމްހެން އެޖެންޓް ތޮނާޓޯ ކަލެންޑާ ވަނީ ބުނެފައެވެ.

"ނަޕޯލީގެ އެކައުންޓުން ހިނގައި އެދިޔަ ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެންމެންނަށް ފެންނަ ގޮތަށް ޖޯކު ޖެހުމުގެ ގޮތުން ވީޑިއޯއެއް އާންމުކުރުމަށްފަހު މިހާރު އެ ވީޑިއޯ އެ ނެގީ. އެއީ ކުޅުންތެރިޔާއަށް ވަރަށް ބޮޑަށް އޭގެ އަސަރު ކުރާނެ ކަމެއް. އަހަރެމެން އެކަމާ ގާނޫނީ ފިޔަވަޅު އަޅާނަން،" އޮސިމްހެންގެ އެޖެންޓް ކަލެންޑާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޮސިމްހެން މިހާރު ވަނީ އޭނާގެ އިންސްޓަގްރާމުގައި ހުރި ނަޕޯލީގެ ފޮޓޯތައް ވެސް ނަގައިފައެވެ. ކުރިއަށް އޮތް ނަޕޯލީގެ މެޗުތަކުން އޭނާ ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާ ނަޕޯލީން ކާމިޔާބުކުރި އިރު، އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ އޮސިމްހެންއެވެ. މިދިޔަ ސީޒަނުގައި އޮސިމްހެން ދެއްކި މޮޅު ކުޅުމާ ގުޅިގެން ގިނަ ކްލަބުތަކަކުން ދަނީ އޭނާ ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް