ކުޅުދުއްފުށީގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފެށުން ---

ހދ. ކުޅުދުއްފުށީގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފިއެވެ.

އެ ސިޓީގައި މިރޭ އެ ޚިދުމަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

އެމްޓީސީސީން ބުނީ އެ ޚިދުމަތަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން، މާދަމާއިން ފެށިގެން ކަނޑައެޅޭ މުއްދަތަކަށް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ބަހުގެ ޚިދުމަތް ފެށުމަށް ފަހު ހިލޭ ދަތުރު ކުރެވޭނެ މުއްދަތެއް ބާއްވަނީ، އެ ޚިދުމަތަށް އާންމު ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމަށެވެ.

އަދި, އާންމުންގެ ފީޑްބެކަށް ބަލައި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ހިލޭ ދަތުރު ކުރާ މުއްދަތު ނިމުމުން އާރްޓީއެލް ވެބްސައިޓް އާއި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ނެގޭނެއެވެ. އަދި، އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ސްކޫލް ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް އަބަދު ވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

އެމްޓީސީސީން އާރުޓީއެލް ބަހުގެ ޚިދުމަތް މާލޭ ސަރަހައްދުގެ އިތުރުން އައްޑޫގައި ވެސް އަންނަނީ ދެމުންނެވެ. އަދި, އާރްޓީއެލް ފެރީގެ ނިޒާމުން ވަނީ އެންމެ އުތުރާއި، އެންމެ ދެކުނުގެ ސަރަހައްދުތައް މިހާރު ގުޅާލާފައެވެ.

comment ކޮމެންޓް