ބާސެލޯނާ އިން ޕޯޗުގަލް ޑިފެންޑަރު ޖޮއާއޯ ކެންސެލޯއަށް ދާއިމީ ކޮންރެކްޓެއް ހުށަހެޅުމުގެ ގޮތުން ޓްރާންސްފާ އަގު ކުޑަކުރުމަށް މެންޗެސްޓާ ސިޓީއާއެކު ވާހަކަތައް ދައްކަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ސިޓީން ކެންސެލޯ ބާސާއާ ގުޅުނީ ލޯނުގެ ދަށުން ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ އެންމެ ފަހު ދުވަހުއެވެ. ކެންސެލޯ އެ ކްލަބު ދޫކޮށްލުމަށް މަސައްކަތްކުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ރޭވުންތަކުގައި އޭނާ ނުހިމެނޭކަން އެންގުމާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކެންސެލޯ ދާއިމީކޮށް ގެންދިއުމުގެ ގޮތުުން ބާސާ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ސިޓީން 35 މިލިއަން ޔޫރޯއަށް ޓްރާންސްފާ އަގު ކުޑަކުރުމަށް އަނގަބަހުން ވަނީ އެއްބަސްވެފައެވެ. ސިޓީން ކެންސެލޯ 70 މިލިއަން ޔޫރޯއަށް ދޫކޮށްލުމަށް ނިންމާފައިވީ ނަމަވެސް، ބާސާ އިން އަގު ކުޑަކުރުމަށް އެދިފައިވަނީ އެ ކްލަބުގެ މާލީ ހާލަތާއި ލަލީގާގެ ގަވާއިދުތަކާ ގުޅިގެންނެވެ.
ބާސާއަށް ލޯނުގެ ދަށުން ގުޅުމަށްފަހު ކެންސެލޯ ދަނީ އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ކެންސެލޯ އެ ކްލަބަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ދެ ގޯލު ޖަހައި، އެސިސްޓެއް ވެސް ހަދައިފައެވެ.
ސްޕެނިޝް ލަލީގާގައި ބާސާ އިން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، އެޓީމު ވަނީ މިއަދު މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން 2-2ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ކުޅުނު ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ގިރޯނާއަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި ވާދަވެރި ރެއާލް މެޑްރިޑް އޮތީ ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.