ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރޭ ފަށައިފިއެވެ.
ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
ބިން ނެތުމުގެ ސަބަބުން ދިއްދޫގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ދަންނަ ކަމަށާއި، މި މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމައް މަސައްކަތް ކުރާނެ ކަަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 17 ޖުލައި 2023ގަ އެވެ. މި މަޝްރޫއުގެ މަސައްކަތަށް 83 މިލިއަން ރުފިޔާ ޚަރަދު ވާނެއެވެ.
މި މަޝްރޫއުގެ ތެރެއިން 1،150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހަދާ، 623،968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ އިތުރުން، 10،962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަހައްދުގެ ބިން ހިއްކާނެވެ. މީގެ އިތުރުން، 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނެ، 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އަޅާނެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އިތުރުން، އެ ތަނުގައި އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް ގާއިމްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ޖުލައި މަހު ދިއްދުއަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ.