އައްޑޫ އެންމެންނަށް ގެދޮރުވެރިކަން ޔަގީން ކޮށްދޭނަން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުޑަކުއްޖަކާ ވާހަކަ ދައްކަވަނީ --

އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ވެރިކަމުގެ ދައުރު ނިމޭއިރު އައްޑޫ ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އައްުޑޫ ސިޓީ ހިތަދޫ ދެކުނު ޖަގަހައިގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އޭނާގެ ވިސްނުންފުޅަކީ ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ރާއްޖެ ތަރައްގީކުރުން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ވާނީ އޭރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ މިއަދު ވަނީ އައްޑޫ ސިޓީގެ ރައްޔިތުން އުންމީދުކުރައްވާ މަންޒަރު ހަގީގަތަކަށް ހަދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އައްޑޫގައި އޮތް އެންމެ ބޮޑު މައްސަލަ، ގެދޮރުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން، ހައުސިން މަޝްރޫތައް ހިންގައި، ގެދޮރު ބިނާކުރަން ލޯނު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކަން އެ ގޮތަށް މި ސިޓީގެ ހުރިހާ ރައްޔިތުންނަށް އޮންނާނެ. ގެދޮރުގެ މަޝްރޫތައް ހިންގަދީ އަދި ލޯނުދޫކުރުން. އެ ގޮތުން ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ޔަގީންކުރަން ބޭނުންވާ އަމާޒަކީ އަދި ޔަގީންކޮށްދޭނެ އަމާޒަކީ ފަސް އަހަރު ނިމޭއިރު މި ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެކަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނިންމެވި "ރަސްރަނި ބަގީޗާ" ފަދަ ރީތި ޕާކުތަކެއް އޭނާގެ ވެރިކަމެއްގައި ކޮންމެ ސިޓީއެއްގައި ވެސް އަޅުއްވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އައްުޑޫ ސިޓީ ހިތަދޫ ދެކުނު ޖަގަހައިގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަލާންކުރަން ސަފުގައި ތިބޭ ކުޑަކުދިން އެންމެ ގިނައިން އެދޭ އެދުމަކީ ޕާކު އަޅައިދިނުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ތަރައްގީ ޕްލޭންގައި އާއިލާތަކުން ނުކުމެ ވަގުތު ހޭދަކުރާނެ ޕާކުތައް އަޅުއްވާނެ ކަމަށެވެ.

"މާލޭގައި އަޅުގަނޑުމެން ރައީސް ޔާމީން ވެރިކަމުގައި ނިންމިން ރަސްރަނި ބަގީޗާ. މިހާރު އަނެއްކާ ނަން ބަދަލުކޮށްފައި އޮތަސް. އެ ކަހަލަ ރީތި ޕާކެއް މި ސިޓީއަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ސިޓީތަކުގައި ވެސް އެފަދަ ޕާކެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި، ތަރައްގީގެ ޕްލޭންގައި ހުރިހާ ސިޓީއަކަށް ވެސް އާންމު ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް