ކޯގަންނު ގަބުރުސްތާނަށް ދިން ގެއްލުން ސާވޭކޮށް މަރާތުކުރުމުގެ މަސައްކަތް ފަށައިފި

ކޯގަންނު ގަބުރުސްތާނަށް މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަވޭ މަޝްރޫއުގެ ޓީމުގެ ފަރާތުން ކުރި ޒިޔާރާތުގެ ތެރެއިން-- ފޮޓޯ/ އެންސީސީއެޗް

ރާއްޖޭގައި ހުރި އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ކަމަށްވާ އައްޑޫ ކޯގަންނު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކަކަށް ބަޔަކު ދިން ގެއްލުން ސާވޭކޮށް, މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް)އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަވޭ މަޝްރޫއުގެ ޓީމުގެ ފަރާތުން ސ. މީދޫ ކޯގަންނު ގަބުރުސްތާނަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ. މި ޓީމުގައި އިސްވެ ހަރަކާތްތެރިވަނީ ޕްރޮފެސަރު މައިކަލް ފީނާއެވެ.

މި ޓީމުން ގަބުރުސްތާނުގެ ގާތަކަކަށް ބަޔަކު ދީފައިވާ ގެއްލުންތައް ޑޮކިއުމަންޓްކޮށްފައިވާ ކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ. ހަމައެއާ އެކު ގާތަށް މަރާމާތުކުރުމަށް އެ ޓީމުގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އެންސީސީއެޗްއިން ވަނީ ބުނެފައެވެ.

ނަމަވެސް އެ މައްސަލާގައި މިއަދާ ހަމައަށް ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން މީގެ ކުރިން ބުނީ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަަމަށެވެ.

މި ގަބުރުސްތާނަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި، މިއީ ވޯލްޑް މޮނިއުމަންޓް ފަންޑު ނުވަތަ ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ވޮޗް ލިސްޓުގައި ވެސް ހިމެނޭ ތަނެކެވެ.

https://sun.mv/182304

ސައިޓް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ މި ގަބުރުސްތާނުގެ މަހާނަ ގާތަކަށް ގެއްލުންދީފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރުގަޑީގައި ކަމަށް ލަފާ ކުރެވޭ ކަމަށް އައްޑޫ މީދޫގެ ކައުންސިލަރު 'ސަން'އަށް މައުލޫމާތު ދެއްވައިފައިވެއެވެ. އެ ވަގުތަކީ އެ ތަނުގައި ސެކިއުރިޓީއެއް ވެސް ނެތް ވަގުތެއްކަން ވެސް އެ ރަށުގެ ކައުންސިލަރު ފާހަގަ ކުރައްވައިފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއްގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ކުރިން ވިދާޅުވީ ގަބުރުސްތާނުގައި ހުންނަ މަހާނަގާތަކަށް އެފަދަ ގެއްލުންތައް ދެނީ ބައެއް މީހުން ގެންގުޅޭ ވިސްނުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެއީ ތާރީޚީ ގޮތުން މުހިންމު ތަރިކައެއްކަން މިނިސްޓަރު ވެސް ފާހަގަކުރައްވައިފައިވެއެވެ.

comment ކޮމެންޓް