ރަޝިއާގެ 17 އަހަރުން ދަށުގެ ޓީމުތަކަށް މުބާރާތްތަކުގައި ވާދަކުރެވޭ ގޮތަށް ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން ލުއި ދީފިއެވެ.
ސައިޕްރަސްގައި އިއްޔެ ބޭއްވި އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި ޔޫއެފާއިން ވަނީ ރަޝިއާގެ 17 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޓީމުތަކަށް ކޮލިފައިންތަކުގައި ބައިވެރިވެވޭ ގޮތަށް ހުއްދަ ދީފައިވާކަން އިއުލާންކޮށްފައެވެ.
ޔޫއެފާއިން އެ ހުއްދަ ދިން ނަމަވެސް، މެޗުތައް ކުޅެން ޖެހޭނީ ރަޝިއާއިން ބޭރުގައި ކަމަށް ވަނީ ނިންމައިފައެވެ. އަދި ހުއްދަ ދީފައިވަނީ މެޗުތަކުގައި ބޭނުންކުރާ ޖާޒީތަކުގައި ގައުމީ ދިދަ އާއި ނިޝާންތައް ބޭނުން ނުކުރެވޭ ގޮތަށެވެ.
ފީފާ އަދި ޔޫއެފާއިން ރަޝިއާގެ ޓީމުތަކަށް މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވަނީ ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޔޫތު ޓީމުތަކަށް ހުއްދަ ދިން ނަމަވެސް، ސީނިއާ ޓީމުތަކުގެ ހުއްދަ ނުދޭ ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން ވަނީ ވިދާޅުވެފައެވެ.
"އަނިޔާވެރިކަމާ ދެކޮޅުކަން ސާބިތުކޮށްދިނުމުގެ ގޮތުން ޔޫއެފާ އިން ސީނިއާ ޓީމުތަކަށް އަޅާފައިވާ ފިޔަވަޅު ދަމަހައްޓާނެ. ޔޫއެފާގެ އެ ނިންމުން ހަނގުރާމައަށް ނިމުމެއް އައިސް، ސުލްހަވެރިކަން އަންނަންދެން ދަމަހައްޓާނެ. ނަމަވެސް ކުޑަކުދިންނަށް މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް ހަދާފައި އޮތުމަކީ އެ ކުދިން ކުރިއެރުމަށް ލިބެންޖެހޭ ހައްގަށް އުނިކަމެއް އަންނާނެ ކަމެއް،" ކެފެރިން ވިދާޅުވިއެވެ.
ޔޫއެފާގެ އެ ނިންމުމާ ގުޅިގެން މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ސަތާރަ އަހަރުން ދަށުން ފިރިހެން އަދި އަންހެން ކޮލިފިކޭޝަން މުބާރާތްތަކުގެ ގުރު ނަގައި، މިހާރު ވަނީ އަންނަ ހަފުތާގައި ފެށުމަށް ވެސް ތާވަލުކޮށްފައެވެ.