އާސެނަލުން ވެސް ޓޯނޭ ހޯދުމަށް މަސައްކަތްކުރަނީ

ބްރައިޓަންގެ އިނގިރޭސި ފޯވަޑް އިވާން ޓޯނޭ -- ފޮޓޯ/ ގެޓީ

ބްރައިޓަންގެ އިނގިރޭސި ފޯވާޑް އިވާން ޓޯނޭ ހޯދުމަށް އާސެނަލުން ވެސް މަސައްކަތް ފަށައިފިއެވެ.

އާސެނަލުން އެ މަސައްކަތް ފަށާފައިވާ އިރު، ވާދަވެރި ޗެލްސީން ވެސް ދަނީ ޓޯނޭ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ޗެލްސީން މަސައްކަތްކުރަމުންދަނީ ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދުމަށެވެ. ޓޯނޭ ވެސް ޗެލްސީއާ ގުޅުމަށް ބޭނުންވާ ކަމަށް ދާދި ފަހުން ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި އާސެނަލުން ވެސް ވަނީ ޖެނުއަރީގައި ޓޯނޭ ހޯދުމަށް މަސައްކަތް ފަށައިފައެވެ. އާސެނަލުގެ ފޯވަޑުންގެ ގޮތުގައި މިހާރު ވެސް ގެބްރިއަލް ޖެސުސް އަދި އެޑީ އެންކޭޓިއާ ހިމެނުނު ނަމަވެސް، ޓޯނޭ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ސްކޮޑު އިތުރަށް ވަރުގަދަކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީ އާއި އާސެނަލުން ޓޯނޭ ހޯދުމަށް މަސައްކަތްކުރާ އިރު، ބްރެންޓްފޯޑުން އޭނާއަށް 60 މިލިއަން ޕައުންޑުގެ އަގެއް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ޓޯނޭއަށް ކުރާ ބިޑުތަކުން އެ ދެ ކްލަބުގެ ވާދަވެރިކަން ފެންނާނެ ކަމަށް ބެލެވެއެވެ. ޗެލްސީ އާއި އާސެނަލަކީ ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގައި ވެސް ބޮޑު ހަރަދެއް ކުރި ދެ ކްލަބެވެ.

ޗެލްސީން ހޯދުމަށް މަސައްކަތްކުރާ ޓޯނޭ މިވަގުތު ހުރީ ބެޓިން ގަވާއިދުތަކާ ހިލާފުވުމުން އަށް މަސް ދުވަހުގެ ސަސްޕެންޝަނެއްގައެވެ. އޭނާގެ އެ ސަސްޕެންޝަން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. ނަމަވެސް ދާދިފަހުން އޭނާ ވަނީ ބްރައިޓަންގެ ފަރިތަކުރުންތަކާ ގުޅިފައެވެ.

އިނގިރޭސި އެފްއޭ އިން ހަދާފައިވާ ބެޓިންގެ ގަވައިދުތަކާ ހިލާފުވެގެން، ޓޯނޭގެ 232 މައްސަލައެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަމާލުކަމަށް އައިސްފައިވާ އިރު، ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު 30 މައްސަލައެއް އެފްއޭގެ ސަމާލުކަމަށް އައިސްފައިވެއެވެ. ޓޯނޭއަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފައިވަނީ ރަނގަޅު ކުޅުމެއް ދައްކައި، އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފައިވަނިކޮށެވެ.

comment ކޮމެންޓް