މުއިއްޒު ހޮވަން ވަރަށް ގަދައަށް މަސައްކަތް ކުރާނަން: ސިޔާމް

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދު މިރޭގެ ކައުންސިލު ބައްދަލުވުމުގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެމްޑީއޭ އަކީ ކަމަކަށް އެއްބަސްވެއްޖެނަމަ، އެކަމެއް ހާސިލުކުރުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކޮށްދޭނެ ޕާޓީއެއް ކަމަށާއި އެހެންވެ، އެ ޕާޓީގެ ނިންމުމާ އެއްގޮތަށް، ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބު ކުރުމަށް ވެސް ވަރަށް ގަދައަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް، އެ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮތެއް ނިންމުމަށް އެމްޑީއޭގެ ގައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އެ ޕާޓީގެ ނިންމުމާ އެއްގޮތަށް، މުއިއްޒު އިންތިޚާބު ކުރުމަށް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

"އެނގިލައްވާނެ އަޅުގަނޑުމެންނަކީ އެ ކަމަކަށް ބަޔަކާއެކު ކަމަށް އާނ ބަސް ކިޔައިފި ކަމަށް ވަންޏާ އެކަމެއް ކާމިޔާބުކުރުމަށް ވަރަށް މަސައްކަތް ކުރާ ބައެއް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި އަބަދު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން، ޕީޕީއެމާ އެކު ވެސް މަޝްވަރާތައް އަބަދު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/182480

އެމްޑީއޭގެ ގައުމީ މަޖިލީހުން ޑރ. މުއިއްޒުއަށް ތާއީދުކުރުމަށް މިއަދު ނިންމާފައިވަނީ، އެ މަޖިލީހުގައި ބައިވެރިވި 36 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ ތާއީދާ އެކުގައެވެ.

ވަކި ކޮޅަކަށް ނުޖެހުމަށާއި، އެމްޑީޕީގެ ކޯލިޝަނުގައި އޮތުމަށް ވެސް، އެ ބައްދަލުވުމަށް ހުށަހެޅިއެވެ. އެ ދެ ހުށަހެޅުމަށް ވެސް ލިބިފައި ވަނީ ދެ ވޯޓެވެ.

ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ފުރަތަމަ ބުރުގެ ނަތީޖާ އައި ގޮތުން، ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ވުރެ މާ ބޮޑު ތާއީދެއް ޑރ. މުއިއްޒަށް ލިބިވަޑައިގަތުމުން އެ ޕާޓީގެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ބޭފުޅުން ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެދިލެއްވި ކަމަށެވެ.

comment ކޮމެންޓް