އެއާޕޯޓް އޭޕްރަން މުވައްޒަފުންނަށް ރިސްކް އެލަވަންސް ދޭން ނިންމައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ރަންވޭގައި މުވައްޒަފަކު މަޑުކޮށްލައިގެން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޕްރަންގައި މަސައްކަތް ކުރާ، މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ, އެއާޕޯޓްގެ އޭޕްރަންގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް ބޮޑެތި ރިސްކްތަކަކާ އެކު އުޅޭ ބައެއް ކަމަށެވެ.

"އެއާޕޯޓްގެ އޭޕްރޮންގައި މަސައްކަތްކުރާ މީހުން އެއީ ރިސްކްތަކަކާ އެކުގައި މަސައްކަތްކުރާ ބަޔަކަށްވާތީ އެ ބޭފުޅުންނަށް ރިސްކް އެލަވަންސްއެއް އޮކްޓޫބަރު އެކަކުން ފެށިގެން ލިބޭނެ ކަމުގެ ޔަގީންކަން މިރޭ ތިބޭފުޅުންނަށް އަރުވަން," ރައީސް ވިދާޅުވިއެވެ.

މި ވޭތުވެގެން ދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ބަޔަކާ ބައްދަލުވިކަން ފާހަގަކޮށް ރައީސް ވިދާޅުވީ, ދާދި ފަހުން އެއާޕޯޓްގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކާ ބައްދަލުވި ކަމަށާއި އޭގެތެރޭގައި އެއާޕޯޓްގެ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފަހުން ހިމެނޭ ކަމަށެވެ.

އެގޮތުން މުސާރައިގެ އެއްބައި ޑޮލަރުން ލިބޭނެ ގޮތް ހަދައި ދިނުމަށް އެދުމުން އެކަން ކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށް މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައިސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމަށް ގެނައި ބަދަލުތަކާ އެކު ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހޭ މަތިންދާ ބޯޓުތަކުގެ އަދަދު 60، އަދި 70 މޫވްމަންޓަށް ގިނަވެފައިވާއިރު އެއާޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް