އާޖެންޓީނާ ފޯވަޑް ނިކޯ ގޮންޒާލޭޒް، ދިގު މުއްދަތަކަށް ފިއޮރެންޓީނާގައި މަޑުކުރުމަށް ކޮންޓްރެކްޓު އާކޮށްފިއެވެ.
ފިއޮރެންޓީނާއާ އެކު ރަނގަޅު ކުޅުމެއް ދައްކަމުންދާ ގޮންޒާލޭޒް ހޯދުމަށް ބައެއް ކްލަބުތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ބްރެންޓްފޯޑުން ވަނީ އޭނާ ހޯދުމަށް 40 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފައެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ ގޮންޒާލޭޒް ވަނީ އެ ހުށަހެޅުންތައް ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. އަދި އޭނާ ދިގު މުއްދަތަކަށް ފިއޮރެންޓީނާގައި މަޑުކުރުމަށް ކޮންޓްރެކްޓު އާކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ކޮންޓްރެކްޓު އާކުރި މުއްދަތު ހާމަކޮށްފައެއް ނުވެއެވެ.
މި ސީޒަނުގެ އިޓާލިއަން ސެރީއާގައި ގޮންޒާލޭޒް ކުޅުނު ހަތަރު މެޗުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މިސީޒަނުގެ މިހާތަނަށް އޭނާ ދެ ގޯލު ކާމިޔާބުކުރި އިރު، އެސިސްޓެއް ވެސް ވަނީ ހަދައިފައެވެ.
އާޖެންޓީނާ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ގޮންޒާލޭޒް، ފިއޮރެންޓީނާއާ ގުޅުނީ 2021 ވަނަ އަހަރުގެ ތެރޭގައި ޖަރުމަންގެ ވީއެފްބީ ސްޓުޓްގާޓް އިންނެވެ. ފިއޮރެންޓީނާއާއެކު އޭނާ ވަނީ މިދިޔަ ސީޒަނުގެ ކޮޕާ އިޓާލިއާގެ ރަނަރަޕް މަގާމާއި ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގުގެ ރަނަރަޕްކަން ހޯދައިފައެވެ. އޭގެ އިތުރުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ހޯދި އާޖެންޓީނާ ސްކޮޑުގައި ވެސް އޭނާ ހިމެނެއެވެ.