ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ޕްރޮޕޯޒަލްފޮތް މިހާރު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ނުވަ ވަނަ މާއްދާގައި ވާގޮތުން މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަދޭނީ ދެ އަހަރުދުވަހަށެވެ.
އުމްރާއަށް މީހުން ގެންދާ ފަރާތްތަކުގެ ފަސް ޝަރުތެއް ހަމަވާން ޖެހެއެވެ. އެއީ:
- ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ މަގްސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތް ހިމެނިފައިވުން އަދި 100 ޕަސަންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުން.
- ހައްޖަށް ނުވަތަ އުމްރާއަށް ގެންދިއުމަށް އެއްވެސް ފަރުދެއް އަތުން ގަވާއިދާ ޚިލާފަށް ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރި ވެފައި ވާނަމަ ނުވަތަ ހައްޖުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަން ސާބިތުވެފައިވާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ މެނޭޖްމަންޓުގައި ހިމެނިފައި ނުވުން
- އުމްރާއަށް މީހުން ގެންދިއުމަށް އެދޭއިރު ކޮންމެ ކުންފުންޏަކުން ވެސް ކުންފުނީގެ މައުލޫމާތާއި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ އަދަދު ހިމެނޭ ޕްރޮޕޯސަލްއެއް ހުށަހެޅުން
- ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ، ހުއްދައަށް އެދޭ ދުވަހާ ހަމައަށް އެއްވެސް ޖިނާއީ ކުށެއް ތަންފީޒު ކުރަމުން ދާ ނުވަތަ ކޮށްފައިވާ މީހެއް ކަމުގައި ނުވުން އަދި އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތެއް ކަމުގައި ނުވުން
- އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްފެންވަރުގެ އޮފީހެއް މާލޭގައި ހުރުން
މިއީ އުމްރާއަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަހަރު ހުޅުވާލި ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މޭ މަހުގެ 10ވަނަ ދުވަހުއެވެ.