ހުޅަނގުގެ ބައިނަލްއަގްވާމީ ނިޒާމު ބަލިކަށިވެއްޖެ، ގައުމުތަކުން ބޭނުންވަނީ ބަދަލެއް: ޖޯސެޕް ބޮރެލް

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯސެޕް ބޮރެލް

އދ. މަޖިލިސް (26 ސެޕްޓެމްބަރު 2023): ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ކޮންޓްރޯލްކޮށް ދުނިޔޭގެ ކަންކަމަށް ފަހުބަސް ބުނަމުން ގެންދިޔަ ހުޅަނގުގެ ނިޒާމު ހަގީގަތުގައިވެސް ބަލިކަށިވެއްޖެކަމަށާއި މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން ބޭނުންވަނީ ހުޅަނގުގެ ނިޒާމު ނޫން އެހެން ނިޒާމެއް ނުވަތަ ބަދަލެއްކަމަށް ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޮސެޕް ބޮރެލް ވިދާޅުވެއްޖެއެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި ބޮރެލް ވިދާޅުވީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން ބޭނުންވަނީ ހުޅަނގުން ޑޮމިނޭޓްކޮށްފައިވާ ނިޒާމު ނޫންކަމަށާއި ބަދަލެއްކަމުގައެވެ. ހަމައެހެންމެ ދުނިޔޭގައި މިހާރު އޮތީ އެއްބާރުގެ ކޮންޓްރޯލް އޮންނަ ނިޒާމެއް ނޫންކަމަށާއި އޭގެބަދަލުގައި މިހާރު މިއޮތީ ގިނަ ބާރުތަކެއް ހިމެނޭ ނިޒާމެއްކަމަށް ބޮރެލް ވިދާޅުވިއެވެ.

ބޮރެލް މިހެން ވިދާޅުވިނަމަވެސް މިހަގީގަތް ގަބޫލުކުރުމަށް އެމެރިކާ އަދިވެސް ދަނީ ފަސްޖެހެމުންނެވެ. ހުޅަނގުން ޑޮމިނޭޓްކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމު ބަލިކަށިވެއްޖެކަމަށް އެނިޒާމު ކޮންޓްރޯލްކުރާ އެމެރިކާ އަދިވެސް ގަބޫލެއް ނުކުރެއެވެ.

އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އަދިވެސް ދުނިޔޭގައި އޮތީ އެއްބާރުގެ ނިޒާމެކެވެ. އެއީ އެމެރިކާ ކޮންޓްރޯލްކުރާ ނިޒާމެވެ. ނަމަވެސް ޗައިނާއަކީ އެމެރިކާ އަތުން ދުނިޔޭގެ ކޮންޓްރޯލް އަތުލުމުގެ ހުރިހާ ގާބިލުކަމެއް ލިބިފައިވާ ގައުމެއްކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

ބޮރެލް ވިދާޅުވިގޮތުގައި ދުނިޔޭގެ ތިންބައިކުޅަ ދެބައަށްވުރެވެސް ގިނަ ގައުމުތައް ހިމެނޭ ދުނިޔޭގެ ދެކުނުގެ ގައުމުތަކުން (އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުން) ބޭނުންވަނީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންވެސް ހުޅަނގުގެ ނިޒާމު ނޫން ނިޒާމެކެވެ. ނުވަތަ ހުޅަނގު ނޫން ގޮތެކެވެ. މިއޮއިވަރު ނުވަތަ މި ހަގީގަތް ގަބޫލުކުރުމުގެ ހިއްވަރު ހުޅަނގުގެ ގައުމުތަކުގައި ހުންނަން ޖެހޭނެކަމަށް ބޮރެލް ވިދާޅުވިއެވެ.

ދުނިޔޭގެ ގައުމުތަކުން މިހާރު ހުޅަނގަށް ބޯ ނުލަނބާކަން އެނގޭ ސަބަބުތަކުގެ ތެރޭގައި ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޮޅު ހެދުން ހިމެނެއެވެ. އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ބޯލެނބީ އެގައުމުތަކުގެ އިތުރުން ޖަޕާނާއި ދެކުނު ކޮރެއާ އާއި ސިންގަޕޫރާއި ކެނެޑާއާއި އޮސްޓްރޭލިއާ މި ފަސް ގައުމު އެކަންޏެވެ.

މީގެއިތުރުން އެމެރިކާގެ ޑޮލަރުގެ ނިޒާމާއި މާލީ ނިޒާމާ އެއްވަރުގެ އެހެން މާލީ ނިޒާމެއް ގާއިމްކުރުމަށް ބްރިކްސްގެ ގައުމުތަކުން ރަސްމީކޮށް މަސައްކަތް ފެށުމާއި ބްރިކްސް ޖަމާއަތުގައި ބައިވެރިވާން އެދޭ ގައުމުތައް ގިނަވެގެން ދިޔުމަކީވެސް ދުނިޔޭގެ ގިނަ ގައުމުތައް މިހާރު ބަދަލަކަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭކަމެކެވެ.

ދުނިޔޭގެ ދެކުނުގެ ގައުމުތަކުގައި ޗައިނާއިން އިންފްރާސްޓްރަކްޗަރުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ދަށުން 80 އަށް ވުރެ ގިނަ ގައުމު އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ޗައިނާއާ ގުޅާލާއިރު މިކަމާދެކޮޅަށް ކުރެވޭނެ މާބޮޑުކަމެއް އެމެރިކާ އާއި ޔޫރަޕަށް ނެތުމަކީ ހުޅަނގުގެ ނިޒާމު ބަލިކަށިވެފައިވާ މިންވަރު ހާމަކޮށްދޭކަމެއްކަމަށް މުހައްލިލުން ދެކެއެވެ.

އަނެއްކޮޅުން އެފްރިކާގެ ގައުމުތަކުން ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް އާދަޔާ ޚިލާފަށް ފާޑުކިޔައި ހުޅަނގަށް ގޮންޖަހާފައި ހުޅަނގުގެ ނުފޫޒާ ދެކޮޅަށް ފާޅުގައި ނުކުންނައިރު އެގައުމުތައްދަނީ ޗައިނާއާ ގާތްވަމުންނެވެ. ޗައިނާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކަށް އެގައުމުތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ. މިމައްސަލާގައި އެމެރިކާއާއި ޔޫރަޕުން ދޭ އިންޒާރުތަކަށް ބީރު ކަންފަތެއް ދެމުންނެވެ. މިއީވެސް ހުޅަނގުގެ ނިޒާމު ބަލިކަށިވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

އެމެރިކާ ޑޮލަރުގެ ބާރު ކުޑަކޮށްލުމަށްޓަކައި ބްރިކްސްގެ ގައުމުތަކުންވަނީ ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ނިޒާމެއްވެސް ދާދިފަހުން ގާއިމްކޮށްފައެވެ.

މިއަހަރުގެ އދ.ގެ އާންމު ޖަމްއިއްޔާގެ ސެޝަންތަކުގައި ދެއްވި ތަގްރީރުތަކުގައި އެފްރިކާގެ ލީޑަރުންވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ސިޔާސަތުތަކަށް އާދަޔާ ޚިލާފަށް ފާޑުވިދާޅުވެ ހުޅަނގުގެ ނިޒާމު ނޫން އެހެން ނިޒާމެއް ދުނިޔެއަށް ބޭނުންވާކަން ބަޔާން ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު