ގއ. ވިލިނގިލިން ޢާލިމް އަބްދުއްލަތީފް
ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު މިއަދު ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ.
ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ގއ. ވިލިނގިއްޔަށް ކެމްޕެއިން ދަތުރުގައި ވަޑައިގެންފައެވެ. މި ދަތުރުގައި ބޭއްވި ޖަލްސާއެއްގައި ވިލިނގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ހާރޫން ޕީޕީއެމަށް ގުޅިވަޑައިގެންނެވީ އިތުރު 100 މީހުންނާ ވެސް އެކުގައެވެ.
ހާރޫންގެ އިތުރުން، މި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މީގެ ކުރިން އެމްޑީޕީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ވެސް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ.
ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓާރު ޝަރީފް އަހްމަދު، ވިލިނގިލީ ޑަބްލިޔުޑީސީގެ ރައީސާ ޝަމީލާ ހިލްމީ، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ރިފާއަތު ރަޝީދު އަދި ފެނަކައިގެ މެނޭޖަރެއްގެ މަގާމުގައި ހުންނެވި ޝަހުރާބް ރާޝިދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ނިމިގެން ދިޔަ ދެ މަޖްލިސް އިންތިހާބުގައި ވެސް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހާރޫން, އެގްރޯ ނެޓްގެ އެމްޑީއަކަށް އައްޔަނު ކުރެއްވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމް ވެސް ފުރުއްވި ހާރޫން ވަނީ އެސްއެޗްއާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެންޓްރެކް މޯލްޑިވްސްގެ މެނޭޖަރުގެ މަގާމުވެސް ފުރުއްވައިފައެވެ.
އެގްރޯނެޓްގެ އެމްޑީ ހާރޫން މަގާމުން ވަކިކުރީ މި އަހަރުގެ މާޗު މަހުއެވެ. އެ ދުވަސްވަރަކީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއިދު ނުކުރައްވާ ބޭފުޅުން މަގާމުން ވަކިކުރަމުންދިޔަ ދުވަސްވަރެކެވެ.
ހާރޫން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވައި ކެމްޕެއިންގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މިއަދު މުއިއްޒު ވިލިނގިއްޔަށް ވަަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ފުރަތަމަ ބުރުގައި މުއިއްޒުއަށް ވިލިނގިލިން ވަނީ 50.5 އިންސައްތައިގެ ކާމިޔާބީއެއް ލިބިވަޑައިގެންފައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 33.7 އިންސައްތައެވެ.