އާބަންކޯގެ އިމާރާތުގައި ގާއިމްކުރި، އެ ކުންފުނީގެ މުވައްޒަފުންނަށް ހިލޭ ބޭނުންކުރެވޭ ޗައިލްޑް ކެއާ ސްޕޭސް ހުޅުއްވައިދެއްވައިފިއެވެ.
މިއަދު އާބަންކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޗައިލްޑް ކެއާ ސްޕޭސް ހުޅުއްވައި ދެއްވާފައި ވަނީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

އާބަންކޯ ޗައިލްޑް ކެއާ ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާވީ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި މިފަދަ ސްޕޭސްއެއް ގާއިމްކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ދަރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިވަގުތު މިހެދޭ ސްޕޭސް އަދިވެސް އިތުރަށް ބޮޑުކުރުން،" އޭނާ ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ، މިއީ ރާއްޖެއަށް ވަރަށް އާކަމެއް ކަމަށެވެ. ނަމަވެސް މިކަން ކުރިއަށް ގެންދަން ފެށުމުން ރަނގަޅު ކުރަންޖެހޭ ކަންކަން ފެނި ޗައިލްޑް ކެއާ ސްޕޭސްއަކީ ވަރަށް މަގުބޫލު ކަމަކަށް ހެދޭނެ ކަމަށެވެ.

އާބަންކޯ ޗައިލްޑް ކެއާ ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާވީ
އާބަންކޯ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ގާއިމްކުރި މި ސްޕޭސްއަކީ އުމުރުން ތިން އަހަރާ 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ސްޕޭސްއެކެވެ.
މި ސްޕޭސްއާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އަބަންކޯގެ ސީނިއާ ސޯޝަލް ޕްލޭނާ އައިޝަތު އާޝިއާ ޝާތިރު ވިދާޅުވީ، ތަނުގެ ޚިދުމަތްތައް ގާއިމްކޮށްފައި ހުންނާނީ އެކި އުމުރުފުރާތަކާ ގުޅޭ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އޮފީސް ވަގުތު ޗައިލްޑް ކެއާ ސްޕޭސްގައި ދަރިފުޅު ބެހެއްޓުމަށް ބުކިން ސިސްޓަމެއް ގާއިމް ކުރާކަމަށެވެ.

އާބަންކޯ ޗައިލްޑް ކެއާ ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާވީ
"ކުރިއާލާ ބުކް ކުރެވިގެން މިތަކަށް ކުދިން ގެނެވޭ ގޮތަށް އެރޭންޖް ކުރެވިފަ މިވަނީ. ދެން ކުދިންނާ އެކު މިވަގުތުތަކުގައި މަސައްކަތް ކުރުމަށް އަޅުގަނޑު ޓްރެއިންޑް މުވައްޒަފުންތަކެއް ނަގަން،" އާޝިއާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަދު މި ސްޕޭސް ހުޅުވުމުގެ ރަސްމިއްޔަތު ބޭއްވި ނަމަވެސް، ރަސްމީކޮސް ޚިދުމަތް ދޭން ފަށާނީ ވޯޓާ ގުޅިގެން އަންނަ ރަސްމީ ބަންދު ދުވަސްތައް ނިމުމުން ކަމަށެވެ.
މިއީ ދުނިޔޭގެ ގައުމުތަކުގައި ވަރަށް އާއްމު ހިދުމަތެކެވެ. އެ ގައުމުތަކުގައި މުވައްޒަފުން ވަޒީފާއަށް ދަނީ ކުދިން ޑޭކެއާ ސެންޓަރުތަކަށް ލައިފައެވެ. މާލޭގައި އެފަދަ ޑޭ ކެއާތައް ހުރި ނަމަވެސް އެތަންތަނުގެ އަގުތައް ބޮޑެވެ. އެހެންކަމުން މިފަހުން ސްޓެލްކޯ އާއި އެމްޕީއެލްއިން ވެސް ވަނީ އެ އޮފީސްތަކުގައި މިފަދަ ސެންޓަރުތައް ގާއިމު ކޮށްފައެވެ.