ސަރުކާރުން މަހުގެ އަގު ބޮޑު ކުރި ބޮޑު ކުރުމަކީ ވަރަށް ގޯސް ކޮށް ކުރި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 15 ވަނަ ދުވަހު ސަރުކާރުގެ މަސް ކުންފުނި ކަމުގައިވާ މިފްކޯއިން މަސް ގަންނަ އަގު ވަނީ 25 ރުފިޔާއަށް ބޮޑު ކޮށްފައެވެ. މީގެ ކުރިން ބާނާ މަހަށް ހަމަ އަގު ނުލިބުމުން އެކަން ވަނީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށްވެފައެވެ.
މަހުގެ އަގު ބޮޑު ކުރުމާއެކު މަސްވެރިންގެ މި ކަންބޮޑުވުމަށް ހައްލެއް ލިބިފައިވީ ނަމަވެސް މިކަމުގެ ސަބަބުން މަސް ގަންނަ އަމިއްލަ ކުންފުނިތަކަށް މިކަން މި ވަނީ ބޮޑު ތަކުލީފަކަށްވެފައެވެ.
ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަހުގެ އަގު ބޮޑު ކުރި ބޮޑު ކުރުމަކީ ވަރަށް ގޯސް ކޮށް ކުރި ކަމެއް ކަމަށެވެ. ގޯސްވީ މަހުގެ އަގު އެއްވެސް އެންގުމަކާ ނުލާ ކުއްލިއަކަށް ބޮޑު ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި އަމިއްލަ ފަރާތްތަކުން މަސް ނުގަންނަން ނިންމީވެސް މި ސަބަބާހުރެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ މިފަދަ ޑިސިޝަންތައް ނަގާއިރު ނަގަންޖެހޭނީ ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ގޮތުން މަސައްކަތް ކުރާ ފަރާތްތަކާވެސް ގުޅިގެން ކަމަށެވެ.
"މިހާރު އަގު ކޮންޓްރޯލް ކުރާއިރުގަ ޕްރައިވެޓް ސެކްޓާގަ މަސައްކަތް ކުރާ ފަރާތްތަކާ ވެސް ގުޅިގެން އެކަން ކުރަން ޖެހޭނީ. އެ ފަރާތްތަކަށް ދޭން ޖެހޭ ފުރުސަތުތައް ދޭން ޖެހޭނެ. ގުޅިގެން ކުރަން ޖެހޭ ކަމެއް މިއީ." މުއިއްޒު ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ވާދަކުރައްވާއިރު، ޑރ. މުއިއްޒު ވަނީ މަހުގެ އަގު އެއްވަރެއްގައި ހިފަހައްޓާ އަގު ބޮޑު ކޮށްދޭނެ ކަމަށް ވައުދުވެލައްވައިފައެވެ.
އެހެން ކަމުން އެކަން ކުރުމުގައި ޑރ. މުއިއްޒުގެ ޕްލޭނަކީ ކޮބާތޯ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެކަން ކުރެވޭނީ އެންމެންނާ ވެސް ގުޅިގެން ކަމަށެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ވެސް މަސް ބާނާ، ވިއްކާ ފަރާތްތަކާއި، މަސް ގަންނަ ފަރާތްތަކާ، އެ ޕްރޮސެސްކޮށް ވިއްކާ ފަރާތްތަކާ އެކީ އިށީންދެ، މަޝްވަރާ ކުރާނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މަހުގެ އަގު ބޮޑު ކުރުމުގެ މަސައްކަތް ފަށާނީ އެއަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓާގެޓެއް އޮތް ނަމަވެސް ކުއްލިއަކަށް އެފަދަ ކަންކަން ކުރުމުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާސިލު ވާން ދަތިވާނެ ކަމަށް އިޝާރާތްކޮށް މުއިއްޒު ވިދާޅުވީ އެފަދަ ކަންކަމަކީ މި ސަރުކާރުން އެ ކުރި ގޮތަށް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ.