އެނބުރި އަންނާނަން، ރެއާލްގެ ހަގީގީ މަންޒަރު ދައްކައިދޭނަން: އަލަބާ

ރެއާލް މެޑްރިޑުގެ އޮސްޓްރިއާ ޑިފެންޑަރު ޑޭވިޑް އަލަބާ -- ފޮޓޯ/ ގެޓީ

ކްލަބަށްޓަކައި އެނބުރި އައިސް، ރެއާލް މެޑްރިޑުގެ ހަގީގީ މަންޒަރު ދައްކައިދޭނެ ކަމަށް އެ ކްލަބުގެ އޮސްޓްރިއާ ޑިފެންޑަރު ޑޭވިޑް އަލަބާ ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-1ގެ ނަތީޖާއަކުން ރެއާލް ވަނީ ބަލިވެފައެވެ. އެ މެޗުގައި ރެއާލްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ.

އެ މެޗުގައި ރެއާލްގެ ފަރާތުން ފެނިގެންދިޔަ ގޯސްތަކުގެ ތެރެއިން ތަޖުރިބާކާރު ޑިފެންޑަރު އަލަބާގެ ދެ ގޯހެއް ހިމެނެއެވެ. އެކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަޕޯޓަރުންގެ ކިބައިން އަލަބާ ވަނީ މައާފަށް އެދިފައެވެ.

"ރެއާލް މެޑްރިޑުން މިއަށްވުރެ އިތުރަށް އުންމީދުކުރާނެ. މިއީ އަހަރެމެންގެ ކުޅުމެއް ނޫން، މިއީ އަހަރެންގެ ކުޅުމެއް ވެސް ނޫން. އަހަރެމެންނަށް ސަޕޯޓަރުންނަށް ގެނެސްދެވުނީ ހިތާމައެއް. އެކަމަކު އަހަރެމެން އެނބުރި އަންނާނަން. ރެއާލް މެޑްރިޑުގެ ހަގީގީ މަންޒަރު ދައްކައިދޭނަން،" މައާފަށް އެދެމުން އަލަބާ ބުންޏެވެ.

އެ މެޗަށް ނުކުތް އިރު، ރެއާލަށް ދެ ޕޮއިންޓުގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނަ ލިބެން އޮތެވެ. ނަމަވެސް މެޗުން ބަލިވުމާ ގުޅިގެން ރެއާލް މިވަގުތު އޮތީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

އެއްވަނައިގައި އޮތް ބާސެލޯނާ އަދި ދެވަނައިގައި އޮތް ގިރޯނާއަށް، ކޮންމެ ޓީމަކަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި އެތުލެޓިކޯ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

comment ކޮމެންޓް