ޑި ޔޮންގްއަށް އަނިޔާވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް

ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް -- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގްގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ޑި ޔޮންގްއަށް އަނިޔާވެފައިވަނީ ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅެ، 3-2ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގައެވެ. އެ މެޗުން ބާސާ މޮޅުވީ ސެލްޓާ އިން ދެ ގޯލު ޖަހާފައިވަނިކޮށް، ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ޑި ޔޮންގްއަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ގަވީއެވެ. މިހާރު ބާސާ އިން ވެސް ވަނީ ޑި ޔޮންގްއަށް އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

"ޑި ޔޮންގްގެ ފަޔަށް ވަނީ އަނިޔާވެފައި. ކުރިއަށްއޮތް މެޗުގައި އޭނާ ނުފެންނާނެ. ނަމަވެސް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ނޭނގޭ،" ޑި ޔޮންގްގެ އަނިޔާއާ ގުޅޭގޮތުން ބާސާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ޑި ޔޮންގް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތު ބާސާ އިން ހާމަކޮށްފައި ނުވި ނަމަވެސް، އޭނާއަށް ކުރިއަށްއޮތް ހަތް ހަފުތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމަށްވާ ނަމަ، ވާދަވެރި ބާސާ އާއި ރެއާލް މެޑްރިޑް ކުޅޭ މި ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ މެޗުން އޭނާ ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

ސްޕެނިޝް ލަލީގާގައި ބާސާ މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ބާސާ އާއި ދެވަނައިގައި އޮތް ގިރޯނާއަށް ވެސް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ބާސާގެ ވާދަވެރި ރެއާލް މިވަގުތު އޮތީ ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

comment ކޮމެންޓް