ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރާ ދަތުރުގައި އުރީދޫގެ ދައުރު ބޮޑު: ނައިބު ރައީސް

އުރީދޫގެ އާ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެ މިހާރު ކުރާ ދަތުރުގައި އުރީދޫގެ ހިއްސާ ބޮޑު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް އުރީދޫގެ އާ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޑިޖިޓަލް ގައުމަކަށް ރާއްޖެ ހެދުމައްޓަކައި ކުރާ ދަތުރުގައި އުރީދޫގެ މުހިންމު ދައުރު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

ފައިސަލް ވިދާޅުވީ އުރީދުގެ ހިއްސާ ހަމައެކަނި ޓެލެ ކޮމިއުނިކޭޝަނަށްވުރެ ވެސް މާ ބޮޑަށް ފުޅާ ވެގެން ދާނެ ކަމަށެވެ. އަދި، އެ މަނިކުފާނު ވަނީ އުރީދޫއިން ކޮށްދީފައި ހުރި ކަންކަން ފާހަގަކޮށް އެ ކަންކަމަށް ޝުކުރު ވެސް އަދާ ކޮށްފައެވެ.

އެގޮތުން އުރީދޫން ހަމައެކަނި ކަނެކްޓިވިޓީ ކުރިއެރުވުމުގެ އިތުރުން ރައްޔިތުންނަށް މައުލޫމާތާއި، ތައުލީމާއި، ފުރުސަތުތައް ހުރި ވެއްޓެއް ގާއިމުކުރުމާއި، ބްރޯޑް ބޭންޑާއި، މޯބައިލް އިންޓަނެޓު ފަސޭހައިން ލިބޭ ގޮތް ހަދާދީ އަގުހެޔޮ ކޮށްދީފައިވާކަން ވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

https://sun.mv/182431

މީގެ އިތުރުން އެ މަނިކުފާނު ވަނީ ޑިޖިޓަލް އައިޑީ ސިސްޓަމަށް ވެސް މިހާރު އެޕެއް ގާއިމު ކުރެވިފައިކަން ފާހަގަ ކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން އެތައް ފަސޭހައެއްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއާ އެކު އަޅުގަނޑުމެންނަށް މި ވަނީ އާންމު ފަރުދުންނަށް އެ މީހުންގެ އައިޑީ، ޝަހުސީ ގޮތުންނާ އޮންލައިންކޮށް ވެސް ސައްހަ ކުރުމަށް ބާރުއެޅިފައި،" ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި އިނޮވޭޓިވް ޕްލެޓްފޮމަކާއި އިންޓަގްރޭޓިވް ޚިދުމަތްތައް ޒަމާނީ ޑިޖިޓަލް އިންޓަފޭސްއެއް މެދުވެރިކޮށް ލޯންޗު ކުރެވިފައި ވާކަން ވެސް ފާހަގަ ކުރައްވައިފައެވެ.

އުރީދޫ އަކީ ވަރަށް ކުރިން ފެށިގެންވެސް ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަމުގައި އެހީވެފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެ ކަމަށް ވެސް ޝުކުރު އަދާ ކުރައްވައިފައެވެ.

"އުރީދޫން ވަނީ 2004 ވަނަ އަހަރުގެ ސުނާމީން ފެށިގެން ކޮވިޑާ ހަމައަށް ވެސް ދިމާވި ބޮޑެތި ކާރިސާ ތަކުގައި މުހިންމު އެހީތަކާއި، ޑިޖިޓަލް ހައްލުތައްވެސް ފޯރުކޮށްދީފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

އުރީދޫން މިރޭ ހުޅުވީ އާ އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިފައިވާ އިމާރާތެކެވެ.

comment ކޮމެންޓް