އުރީދޫން ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ބިނާކުރި ޒަމާނީ އާ އޮފީސް އިމާރާތް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
އުރީދޫގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އާ އޮފީސް އިމާރާތް ހުޅުވަން ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއެއް ގާއިމްކުރުން ކަމަށެވެ. އަދި، މިރޭ ހުޅުވިގެން މި ދިޔަ އުރީދޫ އާ އޮފީހާ އެކު އެ ޚިދުމަތްތައް ދިނުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. މިއީ އަޅުގަނޑުމެންގެ ކުންފުނިން ދޭ ޚިދުމަތަށް ލިބިގެން ދާނެ އިތުރު ފުރިހަމަކަމެއް." ޚަމާދީ ވިދާޅުވިއެވެ.
މިކަން ކުރުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އުރީދޫގެ އާ އޮފީސް އިމާރާތް ހުޅުވައިދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ޗައިނާގެ ސީސީއީސީ ކުންފުންޏާ ހަވާލުކޮށްގެން ބިނާކުރި އެ އިމާރާތުގައި ބޭސްމެންޓު ހިމެނޭހެން 11 ބުރި ހުރެއެވެ. އަދި، އެ އިމާރާތުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ފަސޭހަކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހިމެނެއެވެ.
މި އިމާރާތުގައި ހިމެނޭ މުހިއްމު ބައެއް ކަންކަން:
- މުވައްޒަފުންނަށް ހާއްސަ ކުއައިޓް ރޫމް
- ކުޑަކުދިންނަށް ހާއްސަ ސަރަހައްދު
- ހޭންގްއައުޓް އޭރިއާ
- ކެފޭގެ ޚިދުމަތްތައް
- މުވައްޒަފުންނަށް ހާއްސަ ޖިމް
ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ދީގެން ބިނާކޮށްފައިވާ މި އިމާރާތުގެ ބޭރުގައި ބޭނުން ކޮށްފައިވަނީ ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރިއެވެ. އަދި، ތާޒާ ވައި ދައުރުކުރުމަށް ހާއްސަ ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓު ސިސްޓަމެއް ވެސް އެ އިމާރާތުގައި ހުރެއެވެ.
މީގެ އިތުރުން، ފެން ޚަރަދު ކުޑަ ކުރުމަށް މި އިމާރާތުގައި ފެން ރައްކާ ކުރެވޭނެ ނިޒާމެއް ވެސް ގާއިމްކޮށްފައިވެއެވެ. އަދި، އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އޮޓޯމޭޓެޑް ފަޔާ ސިސްޓަމެއް ވެސް ވަނީ ހަރުކޮށްފައެވެ.
މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާރުން ނައިބު ރައީސަށް ވަނީ ހަނދާނީ ފިލައެއް އަރުވައިފައެވެ. އުރީދޫގެ އާ އޮފީސް ހުޅުވުން ފާހަގަކުރުމަށް މިރޭ ވަނީ ހަވާ ވެސް އަރުވައިފައެވެ.
މި ރަސްމިއްޔާތުގައި އުރީދޫގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް އެޅުމަށް ހުޅުމާލޭ ފިޔަވަހި އެކަކުން ބިން ދިނީ 2017 ވަނަ އަހަރުގެ މާޗު މަހުއެވެ. އިމާރާތުގެ ޑިޒައިން ދައްކާލައި ބިންގާ އަޅާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. އަދި، އިމާރާތުގެ މަސައްކަތްތައް ފެށީ 2019ވަނަ އަހަރުގެ ތެރޭގައެވެ.