ރާއްޖެ ބަލިކޮށް، ނޭޕާލް ސެމީއަށް

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ސާފް

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް, ނޭޕާލް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ސެމީގެ ޖާގައެއް ނޭޕާލުން ކަށަވަރުކުރީ ގްރޫޕު ސްޓޭޖުގައި މިއަދު ކުޅުނު ފަހު މެޗުގައި ރާއްޖެ އަތުން 4-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މެޗަށް ނުކުތް އިރު، އެއްވަރުކޮށްލައިގެން ވެސް ސެމީއަށް ދެވެން ރާއްޖެއަށް އޮތެވެ.

އެ މެޗުގެ 17 ވަނަ މިނެޓުގައި ނޭޕާލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ނޭޕާލުގެ ޕްރަޝާންތު ލަކްސަމް، ދުރުން ފޮނުވާލި އެ ހަމަލާ، ރާއްޖޭގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު މުހައްމަދު ޔާމީންގެ އަތުގައި ޖެހިފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ނޭޕާލުން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކުރިއެވެ. ވަރަށް ފަސޭހަކަމާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސާމިރު ތަމަންގްއެވެ.

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޮޅަށް ގޯލު ޖެހުމަށްފަހު ނޭޕާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ސާފް

އެ ގޯލު ފެނިގެންދިޔަތާ މާ ގިނައިރުތަކެއް ނުވަނީސް، ރާއްޖޭގެ ކެޕްޓަން މުހައްމަދު އިޔާން އާއި ނޭޕާލްގެ ސުޖާން ޑަންގޯލްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން އެ ދެ ކުޅުންތެރިންނަށް ވެސް ރެފްރީ ވަނީ ރަތް ކާޑެއް ދައްކައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ގޯލެއް ޖަހައި، ނޭޕާލުން ދަމަހައްޓަމުންދިޔަ ފަރަގު ކުޑަކޮށްފައެވެ. ނޭޕާލުގެ ގޯލުގެ މަތީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ލަޔާން ރަޝީދެވެ.

ނޭޕާލުން ޖެހި ފަހު ދެ ގޯލު ފެނިގެންދިޔައީ މެޗުގެ ފަހުކޮޅެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ނޭޕާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ނިރާޖަން ދާމީއެވެ. އަދި ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނޭޕާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ސާމިރެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރީ ޕާކިސްތާނެވެ. ޕާކިސްތާން ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، ގްރޫޕުގެ ދެވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދި ނޭޕާލަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ރާއްޖެއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެ މުބާރާތުގެ ސެމީގައި ޕާކިސްތާނާއި ނޭޕާލްގެ އިތުރުން ދެން ވާދަކުރާނީ އިންޑިއާ އަދި ބޫޓާނެވެ.

comment ކޮމެންޓް