ތެހެރާން (25 ސެޕްޓެމްބަރު 2023): އީރާނުގެ ވެރިރަށް ތެހެރާންއާއި އެނޫން ބައެއް ސަރަހައްދުތަކުގައި ބޮންތަކެއް ގޮއްވައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ކުރި މަސައްކަތްތަކެއް ނާކާމިޔާބު ކޮށްލެވިއްޖެކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ ޖާސޫސީ ކަންތައްތަކާބެހޭ ވުޒާރާއާ ހަވާލާދީ އެގައުމުގެ ރަސްމީ މީޑިއާއިން ބުނިގޮތުގައި، ތެހެރާނާއި ހުޅަނގު އަޒަރުބައިޖާން ގަވަނޭޓްގެ އާންމުންގެ ހަރަކާތްތައް އެންމެ ބޮޑު ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ބޮން ގޮއްވާލަން ރޭވި ރޭވުންތަކެއްގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ އެހީގައި އެކަން ވަނީ ނާކާމިޔާބު ކޮށްލާފައެވެ.
ޓެރަރިޒަމްގެ މިއަމަލުތަކުގެ ފަހަތުގައިވަނީ އީރާނުގެ ޓެރަރިސްޓް ގްރޫޕްތަކެއްކަމަށާއި އެގުރޫޕްތަކުގެ ފަހަތުގައި ބޭރުގެ ފަރާތެއްގެ އަތެއް އޮތުމަކީ އެކަށީގެންވާކަމެއްކަމަށް ބެލެވޭތީ އެކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންގެންދާކަމަށްވެސް އީރާނުގެ ޖާސޫސީ ކަންތައްތަކާބެހޭ ވުޒާރާއާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޓެރަރިޒަމްގެ މިރޭވުންތަށް ތަންފީޒުކުރަން މަސައްކަތްކުރީ އީރާނުގެ ކުރުދީ ނަސްލުގެ ހަރުކަށި ޖަމާއަތަކުންނެވެ. ބޮންތައް ގޮއްވާލަން މަސައްކަތްކުރިކަމަށްވަނީ މީގެ އަހަރެއްހާ ދުވަސްކުރިން އީރާނުގައި މަރުވި ކުރުދީ ނަސްލުގެ ޒުވާން އަންހެނެއްކަމަށްވާ މަހްސާ އަމީނީގެ މަރަށް އެއްއަހަރު ފުރޭ ދުވަހާ ދިމާކޮށެވެ.
މަހްސާ އަމީނީ އަކީ އީރާނުގެ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ މީގެ އަހަރެއްހާ ދުވަސްކުރިން މަރުވީ އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެންކަމަށް އީރާނުގެ ފުލުހުން ބުނެއެވެ. ނަމަވެސް އޭނާގެ އާއިލާ ތުހުމަތުކުރާ ގޮތުގައި މަހްސާ އަމީނީ މަރުވީ އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ އަތްދަށުން ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
މަހްސާ ހައްޔަރުކުރީ ބުރުގާ ނާޅައި އާންމުތަންތަނުގައި އުޅުނު މައްސަލައެއްގައެވެ. އޭނާގެ މަރާ ގުޅިގެން އީރާނުގައި ހަތަރު ވަރަކަށް މަސްވަންދެން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އިހްތިޖާޖް ކުރަމުންގެންދިޔައިރު މިކަމުގައި އިސްކޮށް އުޅުނީ އީރާނުގެ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. މި މުޒާހަރާތަކާއި އިހްތިޖާޖްތައް އެންމެފަހުން ބަދަލުވެގެން ދިޔައީ އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރާ ސިޔާސީ ކަމަކަށެވެ.
މި މުޒާހަރާތަކާއި އިހްތިޖާޖްތަކަށް ހިތްވަރުދީ އީރާނުގެ އެތެރޭގައި ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދޭކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މައްޗަށް އެދުވަސްވަރު އީރާނުން ކޮށްފައިވެއެވެ.
އެ މުޒާހަރާތަކުގައި ބައިވެރިވި މީހުންވަނީ ދައުލަތާއި ބައެއް އާންމުންގެ އިމާރާތްތަކާއި މުދަލާއި ވެހިކަލްތަކުގައި ހުޅުޖަހައި އަންދައި އަދި ފުލުހުންނަށްވެސް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ. މި ހަމަނުޖެހުންތަކުގައި ފުލުހުންނާއި މުޒާހަރާވެރިން ހިމެނޭގޮތަށް 500 ވަރަކަށް މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.