ފޮނިރަހަ ލައްވާފައި ހުންނަ ތައްޔާރީ ކާނާއިން ޑިޕްރެޝަނަށް މަގުފަހިވޭ: ދިރާސާ

ފޮނިރަހަ ލައްވާފަ ގިނަ ދުވަހަށް ދެމިހުންނަ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާނާ ބޭނުންކުރުމުން އަންހެނުންނަށް ޑިޕްރެޝަން ޖެހުމަށް މަގުފަހިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އަލްޓްރާ ޕްރޮސެސްޑް ކާނާގެ ބާވަތްތަކާއި ބުއިންތައް އަދި ޚާއްސަކޮށް އާޓިފިޝަލް ސްވީޓްނާސް ބޭނުންކޮށްގެން ފޮނި ރަހަ ލައްވާފައި ހުންނަ ކާނާއާއި ބުއިންތައް ގިނައިން ބޭނުންކުރުމާ ޑިޕްރެޝަންގެ ބަލިޖެހުމާ ގުޅުން އޮންނަ ކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

އެގޮތުން ދުވާލަކު މި ބާވަތުގެ ކާނާއާއި ބުއިންތައް ތިން ނުވަތަ ހަތަރު ފަހަރު ބޭނުންކުރާ މީހުންނަށް ޑިޕްރެޝަންޖެހުމުގެ ނުރައްކާ 20 އިންސައްތައަށް އޮތް އިރު، މިބާވަތްތައް ދުވާލަކު ނުވަ ފަހަރު ބޭނުންކުރާ މީހުންނަށް ޑިޕްރެޝަން ޖެހުމުގެ ނުރައްކާ 50 އިންސައްތައަށް އޮންނަކަމަށް މި ދިރާސާއިން ދައްކާފައިވެއެވެ.

އަލްޓްރާޕްރޮސެސްޑް ކާނާގެ ބާވަތްތަކުގެތެރޭގައި، ޕެކްކޮށްފައި ހުންނަ ސޫޕް، ސޯސް، ފްރޯޒަން ޕިއްޒާ، ޕެކްކޮށްފައި ހުންނަ ތައްޔާރީ ކާނާ، ސޮސެޖް، ފްރެންޗް ފްރައިސް، ސޮޑާގެ ބުއިންތައް އަދި ޕެކްކޮށްފައި ހުންނަ ކުކީސްއާއި ކޭކާއި، މެޓަލާއި، ޑޯނަޓާއި އައިސްކްރީމް ފަދަ ބާވަތްތައްވެސް ހިމެނެއެވެ.

މި ބާވަތްތައް ގިނައިން ބޭނުންކުރުމުން ޑިޕްރެޝަނަށް މަގުފަހިވާކަން ހާމަވެފައިވާއިރު، ޑިޕްރެޝަން ބަލި ހުންނަ މީހުން މިބާވަތްތައް ބޭނުންކުރުމުން އިތުރަށް ބަލި ބޮޑުވާކަމަށް ބެލެވޭ ކަމަށް ވެސް މި ދިރާސާ ހެދި ޑޮކްޓަރު އެންޑްރޫ ޓީ ޗޭން ވިދާޅުވެފައިވެއެވެ.

މެދުއުމުރުގެ 32،000 އަންހެނުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާއިން އެންމެ ބޮޑަށް ފާހަގަވިކަމަކީ، މި ބާވަތްތަކުގެ ކާނާގެ ސަބަބުން ޑިޕްރެޝަންގެ ނުރައްކާ ބޮޑުވާ މައިގަނޑު ސަބަބަކީ މިކާނާގެ ބާވަތްތަކުގައި ހުންނަ އާޓިފިޝަނަލް ސްވީޓްނާސް ނުވަތަ ގިނަ ދުވަހަށް ދެމިހުންނަ ގޮތަށް ފޮނިރަހަ ލައްވާފައި ހުރުންކަމަށް ވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ޕްރޮސެސް ކޮށްފައި ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުމާއި، ބޮޑެތި ބަލިތައް ޖެހުމާއި ގުޅުން އޮންނަކަން މީގެކުރިން ހަދާފައިވާ މިފަދަ އެހެން ދިރާސާތަކުން ވެސް ފާހަގަވެފައިވެއެވެ. އެގޮތުން ކެންސަރާއި، އޮބޭސިޓީ ފަދަ ބަލިތައްޖެހުމާއި މިކާނާގެ ބާވަތްތަކާއި ގުޅުން އޮންނަކަންވެސް ދިރާސާތަކުން ދައްކާފައިވެއެވެ.

comment ކޮމެންޓް