ވެސްޓް ހާމް ބަލިކޮށް، ލިވަޕޫލް ދެވަނައަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ކޮޅަށް ގޯލު ޖެހުމަށްފަހު ލިވަޕޫލުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު ލީގު މެޗުގައި ވެސްޓް ހާމްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދާފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ނުރައްކާ އެޓޭކަކާއެކު ކުޅެމުންދިޔަ ލިވަޕޫލުން ލީޑު ހޯދީ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޕެނަލްޓީ އޭރިއާ ތެރެއިން މިސްރުގެ ތަރި މުހައްމަދު ސަލާހަށް ވެސްޓް ހާމްގެ ނަޔެފް އެގާޑް ކުރި ފައުލަކާ ގުޅިގެންނެވެ. ލިވަޕޫލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަލާހެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ވެސްޓް ހާމުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ލަޑިމިއާ ކޫފާލް ނަގައިދިން ހުރަހަކުން ވެސްޓް ހާމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ޖެރޮޑް ބޮވެންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ވެއްޓިލާފައި ބޮލުން ފޮނުވާލި ހަމަލާ، ލިވަޕޫލުގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ ލިވަޕޫލުން ވަނީ މެޗުގެ 60 ވަނަ މިނެޓުގައި އަލުން ލީޑު ހޯދައިފައެވެ. އެލެކްސިސް މެކް އެލިސްޓާ ދިން ރީތި ބޯޅައަކުން ލިވަޕޫލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒެވެ. އޭނާ އެ ގޯލު ޖެހީ ވެސްޓް ހާމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި ފޮނުވާލި ހަމަލާއަކުންނެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ލިވަޕޫލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ވާޖިލް ވެން ޑައިކް ދިން ބޯޅައަކުން ލިވަޕޫލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގަލް ފޯވަޑް ޑިއޯގޯ ޖޮޓާއެވެ. ވެން ޑައިކް ބޮލުން ޖައްސާލި ބޯޅަ، ވެސްޓް ހާމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ބޮޑު ހަރަދެއް ކޮށްގެން މި ސީޒަނާ ކުރިމަތިލި ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ރޭ އެސްޓަން ވިލާ އަތުން 1-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗުގެ 58 ވަނަ މިނެޓުގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޗެލްސީގެ މަލޯ ގުސްޓޯއަށް ރަތް ކާޑެއް ދެއްކި އިރު، މެޗުގެ 78 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް އޮލީ ވެޓްކިންސްއެވެ.

ނިއުކާސަލް ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އެޓީމު ވަނީ ޝެފީލްޑް ޔުނައިޓެޑް އަތުން 8-0ގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ. އެ މެޗުގައި ނިއުކާސަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝޯން ލޯންގްސްޓާފް، ޑޭން ބާން، ސްވެން ބޮޓްމަން، ކެލަމް ވިލްސަން، އެންތޮނީ ގޯޑަން، މިގެލް އަލްމިރޮން، ބްރޫނޯ ގިމަރޭޒް އަދި އެލެކްސެންޑާ އިސާކްއެވެ.

ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އާސެނަލް ހިފަހައްޓައިފައެވެ. އެ މެޗުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން ބުކަޔޯ ސަކާއެވެ. ޓޮޓެންހަމްއަށް ދެ ފަހަރުވެސް ނަތީޖާ ހަމަހަމަކޮށްދިނީ ސޮން ހިއުން މިންއެވެ.

ޕްރިމިއާ ލީގު ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އަދި ފަސްވަނައިގައި އޮތް އާސެނަލަށް، އެއިން ކޮންމެ ޓީމަކަށް ވެސް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ކުޅުނު ހަ މެޗުން ވެސް މޮޅުވެގެން ސިޓީން ވަނީ 18 ޕޮއިންޓް ހޯދައިފައެވެ.

comment ކޮމެންޓް