ކަޅަކި ޓްރެއިލަރުން ބިރުގަންނުވާލައިފި

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ބައެއް އެކްޓަރުންނާ އެކު ތައްޔާރުކުރާ ވަރުގަދަ ބިރުވެރި ފިލްމު "ކަޅަކި"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މަގުބޫލު ބަތަލާ ނިއުމާގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް"އިން ތައްޔާރު ކުރާ ކަޅަކި ފިލްމަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ އެންމެ ބިރުވެރި ފިލްމަށް ހެދުމަށް ޕްރޮޑަކްޝަނުން ވަނީ މަސައްކަތް ކޮށްފައެވެ. ޓްރެއިލާއިން ވެސް އެކަން އެނގިގެން ދެއެވެ.

ޓްރެއިލާއިން ދައްކާ ގޮތުގައި މި ފިލްމު ވެގެން ދާނީ "ހޯންޓެޑް ހައުސް" ތީމު ބިރުވެރި ފިލްމަކަށެވެ. ބަޔަކު އާ ގެއަކަށް ބަދަލުވާ ފަހުން އާދަޔާ ހިލާފު ބިރުވެރި ކަންތައްތައް ވެގެންދާ ތަން މި ފިލްމުން ފެނިގެން ދެއެވެ. ތަފާތު އެކި މަންޒަރުތަކުން ޓްރެއިލާއިން ވެސް ވަނީ ފިލްމު ބިރުވެރިވާނެ ކަން ދައްކާލާފައެވެ. މިއީ އޮލިމްޕަހުގައި މި އަހަރު އަޅުވާ ހަމައެކަނި ބިރުވެރި ފިލްމެވެ.

ނާމާން ގެއެއްގެ ތީމަށް ތައްޔާރު ކުރާ މި ފިލްމު ވާދަކުރާނީ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ ތައްޔާރު ކުރި ބިރުވެރި ފިލްމު "4426" އާއެވެ. މިއީ މި ތީމުގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ދިވެހީންގެ މެދުގައި ހޯދި ފިލްމެވެ.

ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާއިރު މި ފިލްމަކީ މީގެ ތިން ވަރަކަށް އަހަރު ކުރީން ނިމިފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ވާޝިޔާ މުހައްމަދު (ޝިޔާ) އާއި އަލީ ސީޒަން އަދި މުހައްމަދު މަނިކުގެ އިތުރުން އައިމިނަތު ރިޝްފާއެވެ.

ކަޅަކި ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތެއްގައެވެ. އަދި, މިހާރު ފިލްމުގެ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފިލްމުގެ ޓިކެޓު ބުކް ކުރުމަށް ގުޅާނީ، 9494455 އަށެވެ.

comment ކޮމެންޓް